ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރުމާ ގުޅޭ އެއްބަސްވުމަށް އަވަސް މުސްތަޤުބަލެއްގައި ވާސިލުވެވޭނެ: ސައީދު

ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރުމާ ގުޅޭ އެއްބަސްވުމަށް އަވަސް މުސްތަޤުބަލެއްގައި ވާސިލުވެވޭނެ: ސައީދު

ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރުމާ ގުޅޭ އެއްބަސްވުމަކަށް އަވަސް މުސްތަޤުބަލެއްގައި ވާސިލުވެވޭނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ޕޭޕަލް ތަޢާރަފުކުރުމަށް ފުރިހަމަ ހުށަހެޅުމެއް ލިބިފައިވާކަން އިޢުލާނުކުރި އިރު، މިނިސްޓަރު ސައީދު ވިދާޅުވީ ދާދި ފަހުން ޕޭޕަލްއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ކްރޮސްބޯޑަރ މުޢާމަލާތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ޕޭޕަލްއަށް ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޔޫޓިއުބްގެ އެކައުންޓު ހުޅުވުމުގެ ފުރުޞަތު ދިވެހިންނަށް ލިބިފައިވީ ނަމަވެސް، އާމްދަނީ ހޯދުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މައްސަލަ ޙައްލުކުރުމަށް ޔޫޓިއުބާއެކު އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، އުފެއްދުންތެރިންނާއި ފަންނުވެރިންނަށް އަމާޒުކޮށްގެން ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ތަޢާރަފުކުރާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް، ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން އިޤްތިޞާދު އިތުރަށް ފުޅާކުރުން ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކްރިއޭޓިވް އިކޮނޮމީގެ ފަސް އަހަރުގެ ސްޓްރެޓެޖީއެއް އެކުލަވާލައި، އޭގެ ތެރެއިން ރައީސްގެ 78 ވަޢުދެއް ފުއްދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ޕޭޕަލްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު އޮންލައިން ޕޭމަންޓް ނިޒާމެއް ކަމަށްވާއިރު، މި ޚިދުމަތް ރާއްޖެއަށް ނުލިބޭތީ ގިނަ ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *