ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.
އައްބާސް ޝަރީފް ޕީޖީކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 85 މެމްބަރުން ވޯޓު ދީފައި ވެއެވެ. އަދި ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ.
ޕީޖީގެ މަގާމު ހުސްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމުގެ މައްޗަށް ގިނަ މައްސަލަތަކެއް ފާހަގަކުރެވި، މަޖިލީހުން އޭނާ ވަކިކުރުމުގެ މަސައްކަތް ފެށުމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގައި އޭނާ މަގާމުން ދުރުކުރުމަށް ފާސްކުރެވުނެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްބާސް ޝަރީފުގެ ނަން ހުށަހެޅުއްވިއެވެ. ޖުޑީޝަރީ ކޮމިޓީން އައްބާސްގެ ނަންފުޅު ދިރާސާކޮށް، އޭނާއާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލިއެވެ. އެހެންނަމަވެސް މުއްދަތު ހަމަވިއިރު އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެއެވެ. އޭގެފަހުން، ކޮމިޓީން އައްބާސްއާ އިންޓަވިއުކޮށް މާކްސް ދިނުމުން އޭނާއަށް 93.91 އިންސައްތަ މާކްސް ލިބި، ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފާސްކުރެވުނެވެ.
އައްބާސް ޝަރީފަކީ ގާނޫނީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން އަދާކުރައްވާފައެވެ. އަދި 2011 އިން 2015 އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ. މީގެ އިތުރުން، އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލުކަންވެސް ކުރައްވާފައެވެ.
އައްބާސް ޝަރީފު ވަނީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.