ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ކަމަށް ކުރިމަތިލެއްވުމަށް ރައީސް މުޙައްމަދު މުޢިއްޒުގެ އިރުޝާދެއް ނުލިބޭކަމަށް، ޕީޖީކަމަށް ކުރިމަތިލައްވާފައިވާ، ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މިއަދު އިންޓަވިއުގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އައްބާސް ވިދާޅުވިގޮތުގައި، އެމަޤާމަށް ކުރިމަތިލެއްވީ އަމިއްލަ ޝައުޤުވެރިކަމުން ކަމަށާއި، ސަރުކާރުގެ އިސްފަރާތްތަކަށް މިކަން އެނގިވަޑައިގަތީ އޭނާ ކުށުގެ ރެކޯޑު ސާފުކުރެއްވި ޚަބަރު ނޫސްތަކުން ރިޕޯޓުކުރުމުންނެވެ.
އަޅުގަނޑު މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވެގެން ކުށުގެ ރެކޯޑު ސާފުކުރިކަން އެނގިގެން ނޫހުގަ ޖެހި، ނޫހުގެ ޖެހި ފަހުން ބައެއް ކެބިނެޓު މިނިސްޓަރުންނަށް ވެސް އެނގިވަޑައިގެން ސުވާލު ކުރެއްވީ.. ރައީސްގެ އެއްވެސް އިންޑިކޭޝަނެއް (އިޝާރާތެއް) ވެސް މި ކަމަކު ނުލިބޭ.
އައްބާސް ވިދާޅުވިއެވެ.
އިންޓަވިއުގައި އައްބާސް އިތުރަށް ވިދާޅުވީ، ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ލީޑަރޝިޕްގެ ދަށުން އެ އޮފީހަށް ރަނގަޅު ބަދަލުތަކެއް ގެނެވުނު ނަމަވެސް، ބައެއް ނިންމުންތަކާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. މިކަން ޙައްލުކުރުމަށް، މަޢުލޫމާތު ހާމަކުރުމަށް އިސްކަންދޭނެކަމަށާއި، ޚާއްޞަކޮށް އާންމުންގެ ޝައުޤުވެރިކަން ހުރި އަދި ޙައްސާސް މައްސަލަތަކުގައި ނިންމުންތައް ނިންމާ ސަބަބުތައް ތަފްޞީލުކޮށް ހާމަކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ފާހަގަކުރެއްވީ، ވަކީލެއްގެ ގޮތުން މަސައްކަތްކުރެއްވި ނަމަވެސް ޖިނާއީ މައްސަލަތަކުގައި އުޅުއްވާފައިނުވާ ކަމަށާއި، އޭނާގެ ދަށުން މަސައްކަތްކުރި ވަކީލުންވެސް އެފަދަ މައްސަލަތަކުގައި އުޅެފައިނުވާ ކަމަށެވެ. މިކަމުން، ޕީޖީ އޮފީހުގައި އޭނާގެ އަމިއްލަ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މައްސަލައެއް ނުހުންނާނެކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.
ނިންމާލަމުން، ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، ޕީޖީގެ ހައިސިއްޔަތުން ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރެއްވޭނެކަމުގެ ޔަޤީންކަން އައްބާސް ފާޅުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ