މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 73.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިން ކަމަށްވާއިރު، އޮންލައިންކޮށް އަދި މީރާއަށް ގޮސްގެންވެސް މުދަލު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށާފައެވެ.
މިއަހަރަކީ އެންމެ ގިނައިން ބޮލަކަށް މުދަލު ޒަކާތް ބަހާ އަހަރުކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން، 2021 ވަނަ އަހަރު 2،700 ރުފިޔާ ބަހާފައިވާއިރު، 2022 ވަނަ އަހަރު 3،000 ރުފިޔާ، އަދި 2023 ވަނަ އަހަރު 3،500 ރުފިޔާ ބަހާފައިވެއެވެ. މިއަހަރު ބެހުމަށް ހަމަޖެހިފައިވަނީ 4،000 ރުފިޔާއެވެ.
މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީން މިއަހަރު ވަނީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16.8 މިލިއަން ރުފިޔާވެސް ދޫކޮށްފައެވެ.