މުދަލު ޒަކާތުގެ ފައިސާ ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ބަހަން ފަށައިފިއެވެ. މިގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 3183 މީހުންނަށް ބޮލަކަށް 4000 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރެވެ.
2021 އިން ފެށިގެން މިއަދާ ހަމައަށް އޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެމީހުންގެ އެކައުންޓުތަކަށް ސީދާ ފައިސާ ޖަމާކުރަމުންދާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ މާލެ އަދި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ބެހޭ ފައިސާއެވެ.
ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، މުދަލު ޒަކާތުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ. 2021 ގައި ބޮލަކަށް 2700 ރުފިޔާ، 2022 ގައި 3000 ރުފިޔާ، އަދި 2023 ގައި 3500 ރުފިޔާ ބަހާފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 4000 ރުފިޔާއަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން، މިއަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781,610.99 ރުފިޔާ ދޫކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. ޒަކާތުގެ ފައިސާއިން ތަފާތު ގޮތްގޮތުން މުޖުތަމަޢުގެ ނިކަމެތިންނަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.