ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްބާސް ޝަރީފް ހުށަހެޅުމާމެދު އާންމު ޚިޔާލު ހޯދުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އިއްތިފާޤުން ނިންމައިފިއެވެ.
އައްބާސްއަކީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.
މި މަޤާމަށް އައްބާސްގެ އިތުރުން އިތުރު ހަ ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އޭގެތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ހައިލަމް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު، އަދި މިހާރުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޢަލީ ޝަމީރު ހިމެނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްބާސްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އައްބާސްއަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 އިން 2015 އަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ކުރީގެ ދެ ރައީސުންގެ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު 12:00 އަށެވެ. ޤާނޫނުގައިވާ ގޮތުން، މި މަޤާމު ހުސްވެއްޖެނަމަ، 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު އައްޔަންކުރަންޖެހެއެވެ. މިހާރު ވަނީ ކޮމިޓީން އާންމުންގެ ޚިޔާލު ހޯދުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ.