މިއަހަރުގެ ކުރީކޮޅު އެންމެ ފުރަތަމަ ފަހަރަށް ކޯވިޑް19 ދުނިޔެއިން ފެނުނު ފަހުން މިހާތަނަށް އައިއިރު، ކޯވިޑް19ގެ އާ 3 ބާވަތެއް މިވަނީ ފެނިގެން ގޮސްފައެވެ.
ކޯވިޑް19ގެ މުޅިން އާވައްތަރުތަކެއް ދުނިޔޭގެ އެކި ގައުމުތަކުން ފެނިގެން ދިއުމާ ގުޅިގެން، މިބައްޔާ މެދު މީހުން ހިތްތަކުގައި އުފެދިގެން ގޮސްފައިވަ ބިރުވެރިކަން އަނެއްކާވެސް މިވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. ސަބަބަކީ އަލުން މިފެނުނު ސްޓްރެއިންތައް (ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން އުފެދޭ ވައިރަހުގެ ތަފާތު ނަކަލެއް) އަސްލު ވައިރަހަށްވުރެ، %70 ފަސޭހަކޮށް ގައިން ގަޔަށް ފެތުރޭކަމަށް ދައްކާތީއެވެ.
ތަފާތު ބަލިތައް ޖައްސާ ހުރިހާ ވައިރަހަކީވެސް، އަބަދުވެސް މިއުޓޭޓް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ވަނުންދާ އެއްޗެކެވެ.
އެހެންކަމުން، ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން، ކޯވިޑް19ގެ އާ ވައްތަރުތައް ފެންނަމުން ދިއުމަކީ، ސައިންސްވެރިންނަށް ލިބިގެންދިޔަ ހައިރާން ކަމެއް ނޫނެވެ.
ވައިރަސް މިއުޓޭޓް ވެގެން ވައިރަހުގެ އާވައްތަރެއް، ދެން ފެނިގެންދާނީ ދުނިޔޭގެ ކޮންތަކެއްގައިކަން ސައިންސްވެރިންނަށް ބުނަން ނޭގޭއިރު، ވައިރަހުގެ ނުރައްކާތެރިކަން އެތައް ގުނައަކަށް އިތުރު ކޮށްދޭ، އަދި ބައެއް ހާލަތްތަކުގައި، މިހާރު އުފައްދާފައި ކޯވިޑް19 ވެކްސިނަށްވެސް ނުގުޑާފާނެ، މި މިއުޓޭޝަންތައް ހުޓުވުމުގައިވެސް އެއްވެސް ބަޔަކަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.
ކޯވިޑް19 ބަލި ޖައްސާ އާވަތަރުގެ ފުރަތަމަ ސްޓްރެއިން ފެނިގެން ދިޔައި އިގިރޭސިވިލާތުންނެވެ. މިވޭރިއަންޓަށް މިހާރު ދީފައިވާ ނަމަކީ، VUI-202012/01 (ޑިސެމްބަރު 2020ގައި ފެނިގެންދިޔަ، ތަހުލީލީ މަރުހަލާގައިވާ ފުރަތަމަ ސްޓްރެއިން) އެވެ.
ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ މިއުޓޭޓް ވެފައިވާ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި، އިގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ އިރު ދެކުނުގެ ސަރަހައްދުގައި، ނުވަތަ ކެންޓް ކައުންޓީގައެވެ.
ބައެއް ސިއްޙީ މާހިރުން B.1.1.7 ލައިނޭޖް (ވައިރަހުގެ އެއް އާއިލާއަކަށް ނިސްބަތްވާ އެހެންނަމަވެސް، ތަފާތު ސިފަތަކެއްގެ މައްޗަށް އެކުލެވޭ ނަކަލެއް)ގެ ގޮތުގައި ފާހަގަ ކުރާ ވައިރަހުގެ މިވައްތަރުވަނީ، އިގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ކޯވިޑް19ގެ އެންމެ ބާރަށް ފެތުރެމުންދާ ސްޓްރެއިންގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައެވެ.
އަދި މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި މި ސްޓްރެއިންގެ ކޮރޯނާ ވައިރަސް، އެންމެ ފުރަތަމަ ފެނުނު ނަކަލަށްވުރެ މާބާރަށް ފެތުރެމުން ދެއެވެ. އެހެން ނަމަވެސް، މި ނަކަލުން ޖައްސާ ބަލީގެ އަލާމާތްތައް މިހާތަނަށް ފެތުރެމުންދިޔަ ބައްޔަށް ވުރެ ބާރުދައްކަމަށް ފާޙަގަ ކުރެވިފައި ވެއެވެ.
އެހެންނަމަވެސް، އަލަށް ފެންނަންފެށި މިސްޓްރެއިން ގައިންގަޔަށް އަރާ މިންވަރު، އަސްލު ވައިރަހަށްވުރެ %70 ފަސޭހަކަމަށް ފާހަގަ ކުރެވިގެން ދިއުމާ ގުޅިގެން، ދުނިޔޭގެ އެތަކެއް ގައުމަކުންވަނީ، ކުރިޔަށް، އާ އަހަރުގެ ބަންދާ ދިމާކޮށް އެތައްބަޔަކު އެތަން މިތަނަށް ދަތުރު ފަތުރުކުރަން ބޭނުންވެފައި ތިބި ކަމުގައިވި ނަމަވެސް، ދަތުރުކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، އަދި ވަކީން ޚާއްސަކޮށް، އިގިރޭސިވިލާތް ވަރަށް ބޮޑަށް އެކަހެރި ކޮށްފައެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، އަލަށް ފެނުނު ކޯވިޑް19ގެ އާވައްތަރަކީ، އަސްލު ވައިރަހަށްވުރެ، ބަލި ޖެއްސުމުގެ ބާރު ދެރަ ސްޓްރެއިންއަކަށް ވިޔަސްވެސް، މި ސްޓްރެއިންގެ ސަބަބުންވެސް، އަސްލު ވައިރަހުގެ ސަބަބުން ފެންނަ އަލާމާތްތައް ކަމުގައިވާ، ހުން ގަދަ ވުމާއި، ހިކިކޮށް ކެއްސުމާއި، ވަހާއި ރަހަ ލުމުން އެއްކޮށް ނެތިގެން ދިއުން، ނުވަތަ މިހިއްސުތަކަށް އަސަރުކުރުން ހިމެނޭ ކަމުގައެވެ.
އިގިރޭސިވިލާތުން ފެނުނު ސްޓްރެއިން މިހާރުވަނީ ބާރުމިނުގައި، ޔޫރަޕްގެ ގިނަ ގައުމުތަކަށް ފެތުރިފައެވެ. މީގެ ތެރޭގައި، އިޓަލީ، ޑެންމާކު، އަދި ނެދަލޭންޑުން ވަނީ، މިސްޓްރެއިންގެ މިހާތަނަށް އައިރި ފެނިފައި ވާކަމަށް ރިޕޯޓު ކޮށްފައެވެ.
އަދި މީގެ އިތުރުން، އޮސްޓްރޭލިއާއިންނާއި ސިންގަޕޯރއިންވެސް ވަނީ، އިގިރޭސިވިލާތުން މިފެނުނު މި ސްޓްރެއިންގެ ބާވަތުން ބަލިޖައްސާ ކޯވިޑް19 ވައިރަހުގެ އަސަރުތައް ފެނިފައެވެ.
ނަތީޖާއެއްގޮ ގޮތުން އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރުވަނީ، އިގިރޭސިވިލާތުން އެތެރެވާ މިހުން ކޯވިޑް19އަށް ނެގެޓިވް ޓެސްޓެއް އޮވެގެން މެނުވީ އެގައުމުތަކަށް އެތެރެ ނުވެވޭގޮތަށް ހަމަޖައްސާފައެވެ.
މީގެ އިތުރަށް، ދެކުނު އެފްރިކާއިން މިހާރުވަނީ، އިގިރޭސިވިލާތުން ފެނުނު ކޯވިޑް19 ސްޓްރެއިންއަށްވުރެ ބޮޑަށް މިއުޓޭޓު ވެފައިވާ ސްޓްރެއިން ފެނިގެން ގޮސްފައެވެ. މިސްޓްރެއިން ވަނީ، ދެކުނު އެފްރިކާ ފަހަނަ އަޅާ އެތައް ގައުމަކަށް ދަތުރު ކޮށްފައެވެ. މީގެ ތެރޭގައި އިގިރޭސިވިލާތްވެސް ހިމެނެއެވެ.
501.V2ގެ ގޮތުގައި ފާހަގަ ވެފައިވާ މި ސްޓްރެއިންވަނީ، ފަހަކަށް އައިސް، ދެކުނު އެފްރިކާއިން ފެނުނު ގިނަ ކޭސްތަކުން ފެނިފައެވެ. ދެކުނު އެފްރިކާގެ ވައިރަސް ސްޓްރަޓަޖީގެ އިސް ސައިންސިޓުންނާ އަދި ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ވައިރަހުގެ މި ސްޓްރެއިންއަކީވެސް، އަސްލު ވައިރަހަށްވުރެ، ގައިން ގަޔަށް ވާސިލްވުމުގެ ގާބިލްކަން އެތައް ގުނައަކަށް އިތުރު ސްޓްރެއިންއެކެވެ. ބެލެވޭ ގޮތުގައި، ދެކުނު އެފްރިކާގައި ފަހަކަށް އައިސް ކޯވިޑް19 އަށް ޕޮޒިޓިވް ވާމީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިއުމުގެ ހަގީގީ ސަބަބަކީ ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަހުގެ މިސްޓްރެއިން އެވެ.
ދެކުނު އެފްރިކާގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1 މިލިއަނާ ގާތްވަމުން ދާއިރު، އެގައުމުގައި މިހާރުވަނީ ކޯވިޑް19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަލުން އިތުރަށް ވަރުގަދަ ކޮށްފައެވެ.
ކޯވިޑް19ގެ މުޅިން އަލަށް ފެންނަމުން މިދާ ވައިރަހުގެ އާ ވައްތަރު ތަކަކީ، އަސްލު ވައިރަހަށްވުރެ މާ ބޮޑަށްވެސް ފަސޭހަކޮށް ގައިން ގަޔަށް ވާސިލްވާ ވައިރަހަކަށް ވީނަމަވެސް، ވައިރަހުގެ ނުރައްކާތެރިކަން އަސްލު ވައިރަހަށްވުރެ ބޮޑު ކަމެއް ނުވަތަ ނޫންކަމެއް އަދި މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
ކޯވިޑް19ގެ އާ ސްޓެރެއިން އެއްގެ ވައިރަސް އެންމެ ފަހުން ފެނިފައިވަނީ ނައިޖީރިއާ އިންނެވެ. އަދި ނައިޖީރިއާއިން މިފެނުނު އާވައްތަރަކީ، އިގިރޭސިވިލާތް އަދި ދެނުކު އެފްރިކާއިން ފެނުނު މިއުޓޭޝަންތަކުގެ އިތުރު ލައިނޭޖެއް (ވައިރަހުގެ އެއް އާއިލާއަކަށް ނިސްބަތްވާ އެހެންނަމަވެސް، ތަފާތު ސިފަތަކެއްގެ މައްޗަށް އެކުލެވޭ ނަކަލެއް) އެކެވެ.
އެހެންނަމަވެސް، ނައިޖީރިއާއިން މިފެނުނު ސްޓްރެއިން P681H ވޭރިއަންޓްއަކީ، އިގިރޭސިވިލާތާއި އަދި ދެނުކު އެފްރިކާއިން ފެނުނު ސްޓްރެއިންތައްހާ ހަލުއިކޮށް ގައިންގަޔަށް ފެތުރޭ ވައްތަރެއް ނޫނެވެ. އެހެންނަމަވެސް، ސައިންވެރިން ބުނެފައިވަނީ، މިކަންވެސް ސާބިތު ކުރެވޭވަރަށް އަދި ވައިރަހުގެ މި އާވައްތަރުތަކުގެ އަސްލު ސިފަތައް ދެނެގަނެވިފައި ނުވާކަމުގައެވެ.
ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަހުގެ، މި އާ ވައްތަރުތަކަށް، ވައިރަސް ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ނަތީޖާއަށް ބަދަލު ގެނައުމުގެ ގާބިލްކަން ލިބިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް ސައިންސްވެރިން ދަނީ ބުނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވައިރަސް ދެނެގަތުމުގައި މުސްތަގުބަލުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ކޯވިޑް19ގެ މުޅިން އާ ސްޓްރެރިންތައް ފެނިގެން ދިއުމުން އޭގެ މާނައަކީ، ވައިރަސް ފެތުރެމުންދާ ގޮތް ބަދަލުވުން ނުވަތަ، އަސްލު ވައިރަސް، އެއްފަހަރަަށް ނުވަތަ ދެފަހަރަށް މިއުޓޭޓް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ވެގެން ދިއުމުގެ ސަބަބުން، ހަށިގަޑުގެ ދިފާއީ ނިޒާމާއި ވައިރަސް ކުރިމަތިލާ ގޮތް ތަފާތުވެގެން ދިއުމެވެ.