އެމެރިކާ އިސްވެ އޮންނަ ޓެރަރިޒަމާ ދެކޮޅު ކޯލިޝަނުގެ ބައިވެރިން ބައި-ބަޔަށް އިރާގުން ފޭބުމާ މެދު އިރާގާއި އެމެރިކާ އެއްބަސްވެއްޖެއެވެ. އެހެންނަމަވެސް އަދި އެންމެ ފަހުގެ އެއްބަސްވުމުގައި އަދި ސޮއިކޮށްފައި ނުވާ ކަމަށް އިރާގުގެ ދިފާއީ ވަޒީރު އާދިއްތަ ދުވަހު ވިދާޅުވިއެވެ.
އެމެރިކާގެ 2،500 އަސްކަރީ ސިފައިން އިރާގުގައި އަދި 900 އަސްކަރީ ސިފައިން ސީރިއާގައި ތިބީ އައިސިސްއާ ދެކޮޅަށް އުފެދިފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުގެ ބައެއްގެ ގޮތުގައެވެ.
އަސްކަރީ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން ބަޣްދާދާއެކު މަސްތަކެއް ވަންދެން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ތާވަލެއް އިއުލާނު ކުރެވިފައެއް ނުވެއެވެ.
އާދިއްތަ ދުވަހު އަރަބި ޓީވީ ޗެނަލް އަލް-ހަދަތަށް އިރާގުގެ ދިފާއީ ވަޒީރު ތާބިތު އަލް-އައްބާސީ ވިދާޅުވި ގޮތުގައި ކޯލިޝަނުގެ ބައިވެރިން ބަޣްދާދާއި ފެޑެރަލް އިރާގުގެ އެހެން ސަރަހައްދުތަކުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފައިބާނެއެވެ. އަދި އުތުރުގެ މިނިވަން ކުރްދިސްތާން ސަރަހައްދުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފައިބާނެއެވެ.
ފޭބުމުގެ މަސައްކަތް ކުރިއަށް ގެންދާނީ "ދެ މަރުހަލާއަކަށް" ކަމަށާއި "ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވިދާނެ" ކަމަށް އައްބާސީ ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ "ދެ އަހަރަކީ އެކަށީގެންވާ މުއްދަތެއް ނޫން" ކަމަށް އައްބާސީ ވިދާޅުވިއެވެ.
"ތިންވަނަ އަހަރެއް (އިތުރު ކުރުމަށް) އޭނާ ހުށަހެޅި ހުށަހެޅުން އަޅުގަނޑުމެން ދެކޮޅުހަދައިފިން،" އައްބާސީ ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ޣައްޒާގައި ހިނގަމުންދާ އިސްރާއީލް-ހަމާސް ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އީރާނުގެ ބާރުގަދަ ހަގުރާމަވެރި ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވެފައިވާއިރު، ކޯލިޝަންގެ ބާރުތަކަށް ޑްރޯންތަކާއި ރޮކެޓް ހަމަލާތައް އެތައް ފަހަރު އިރާގާއި ސީރިއާގައި ދީފައިވެއެވެ.
އެމެރިކާގެ ބާރުތަކުން ވަނީ މި ގްރޫޕްތަކާ ދެކޮޅަށް ދެ ގައުމުގައިވެސް ގިނަ ރައްދު ހަމަލާތަކެއް ދީފައެވެ.
އައިސިސްއިން 2014 ގައި އިރާގާއި ސީރިއާގެ ބައެއް ސަރަހައްދުތައް ހިފާފައި ވެއެވެ. އެހެންނަމަވެސް، އިރާގުގެ ސަރަހައްދުތައް ބަޣްދާދުން އަނބުރާ ހިފާފައިވަނީ އޭގެ ތިން އަހަރު ފަހުންނެވެ. ސީރިއާގެ ސަރަަހްދުތަކުން އައިސިސް ބޭރުކޮށްލެވުނީ 2019 ގައެވެ.
ނަމަވެސް އައިސިސްގެ ހަނގުރާމަވެރިން މިހާރުވެސް ދުރު ސަހަރާ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދެއެވެ. އެހެންނަމަވެސް އެއްވެސް ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށުގައި ނޯވެއެވެ.
އައިސިސްގެ ބާކީ ތިބި މީހުންނާ ކުރިމަތިލުމުގެ ޤާބިލުކަން އިރާގުގެ ސަލާމަތީ ބާރުތަކަށް ލިބިފައިވާ ކަމަށާއި، މި ގްރޫޕުން މިހާރު ބޮޑު ނުރައްކަލެއް ކުރިމަތިނުވާ ކަމަށް އިރާގުގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.