މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަންއެއް ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައިވަނީ މި އޮޕަރޭޝަންގެ ދަށުން، ފުލުހުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށެވެ. މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަތޯ ޔަގީން ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
📸 މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
1/3 pic.twitter.com/gdRHaDVvEO
— Maldives Police (@PoliceMv) September 8, 2024
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މި ޚާއްސަ އޮޕަރޭޝަން ފަށާފައިވަނީ މިދުވަސްވަރު ގިނަ އެކްސިޑެންޓްތަކާއި ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިގޮތުން މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި މާލޭގައިވެސް މިދިޔަ ހަފްތާގައި އެކްސިޑެންޓްތައް ވަނީ ހިނގާފައެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އެކްސިޑެންޓްގެ 1907 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން ޖުލައި މަހު އެކަނި 210 މައްސަލަ އަދި އޮގަސްޓް މަހު 204 މައްސަލަ ރިޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.