ގައުމީ ދިރާސާ ކައުންސިލަށް ގާބިލު މެމްބަރުން އައްޔަން ކުރުމަށް ނަންތައް ނޮމިނޭޓު ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
"ގައުމީ ދިރާސާ ކައުންސިލް" އަކީ ރާއްޖޭގައި އިލްމީ ދިރާސާތައް ކުރުމާއި އޭގެ އަލީގައި ފިކުރީމުދާ އުފެއްދުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.
އެ ކައުންސިލްގެ މެމްބަރުންނަކީ "ގައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވައިލާ، ގައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ ވެސް މެމްބަރުންނެވެ.
އެ ކައުންސިލްގެ މެމްބަރުންގެ ތެރޭގައި ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއް އަދި ރާއްޖޭގެ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހިމަނަން ކަނޑައެޅިފައިވެއެވެ.
ރާއްޖޭގައި އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ އެއް މެމްބަރު ހޮވުމުގައި، ނޮމިނޭޝަން ހުށަހަޅާ މުއައްސަސާއަކުން ކޮށްފައިވާ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓްކުރެއްވި މެންބަރު އެފަދަ މަސައްކަތްތަކުގައި އުޅުއްވާފައިވާ މިންވަރަށް ބެލޭނެއެވެ.
އެ ދެ ދާއިރާއިން ތިން މެމްބަރުން އައްޔަނުކުރުމަށް، ނޮމިނޭޝަންތައް ފޮނުވާ މުއައްސަސާތަކުން ކޮށްފައިވާ ކަމާ ގުޅޭ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ލިޔުމަކާއެކު ނޮމިނޭޓްކުރާ ގާބިލު ފަރާތްތަކުގެ މައުލޫމާތު (ނަން، މަގާމު، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް، އަދި ސީވީ)، 15 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް: [email protected] އަށް ފޮނުއްވަން އެދިފައިވެއެވެ.
އެ ކައުންސިލްގެ މަސްއޫލިއްޔަތުތަކަކީ:
- ޤައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން؛
- ފަންޑުން ޚަރަދުކޮށްގެން ދިރާސާ ކުރާނެ ދާއިރާތައް ކަނޑައެޅުމާއި އެދާއިރާތައް ކަނޑައެޅުމުގެ މިންގަނޑުތައް އެކުލަވާލައި ޝާއިޢުކުރުން.
- ފަންޑުން ފައިސާ ދޫކުރާނޭ ހަމަތަކެއް ޤާއިމްކޮށް ތަންފީޒުކުރުން؛
- ދިވެހިރާއްޖޭގައި ކުރެވޭ ދިރާސާތަކުގެ ފެންވަރާއި މިންވަރު އިތުރުކުރުން؛
- ދިރާސާތަކުގެ ފެންވަރު ވަޒަންކުރާނޭ ޤައުމީ މިންގަނޑުތައް ކަނޑައަޅުން؛
- ފަންޑަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް ވަޒަންކުރާނޭ ނިޒާމެއް އެކުލަވައިލުން؛
- ދިވެހިރާއްޖޭގެ ސައިންޓިފިކް ވަސީލަތްތަކާއި، ރިސާޗް މަސައްކަތްތަކާއި، ސައިންސްގެ ތަޞައްވުރު ފުޅާކޮށް، އެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން؛
- ފަންޑު ދިރުވައި ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛
- ޤައުމީ ދިރާސާ ޑޭޓާބޭސް ޤާއިމްކުރުން؛
- ކައުންސިލްގެ ހިންގުމާއި، ކައުންސިލްގެ ދަށުން އެކުލަވާލާ ކޮމިޓީތައް ކަނޑައެޅުމާއި، ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ ގަވާއިދު ހެދުން؛
- އެކިއެކި ޢިލްމީ ދިރާސާތައް ކުރުމުގައި ހިފަހައްޓަންޖެހޭ އަޚްލާޤީ (އެތިކްސް) މިންގަނޑުތައް ކަނޑައަޅައި އޭގެ ގަވާއިދު އެކުލަވައިލުން.
- ކައުންސިލްގެ ސެކްރެޓޭރިއެޓްގެ މަސައްކަތް މިނިސްޓަރުގެ ލަފަޔާއެކު ކަނޑައެޅުން.