ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހުން އަތުލައިގަތީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަކީ:
- ލ. ފޮނަދޫ / ކެނެރީގެ، ޢަލީ މުމްތާޒް (37އ)
- ބަނގުލަދޭޝް މީހެއް ކަމުގައިވާ އިރުޝާދު މިއާ (29އ)
ފުލުހުން ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ގއ. ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.