ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް މިހާރު ވަނީ ފަރުވާ ދޭން ފަށާފައެވެ.
ފުލުހުންގެ މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލް ދުއްވަމުން ދިޔަ ފަރާތަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަނިޔާވި ފަރާތަށް މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.
މި އެކްސިޑެންޓްގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެ ފޮޓޯތަކުން ދައްކާ ގޮތުގައި، ސައިކަލް ވަނީ ކޮންޓްރޯލް ގެއްލި، އެ ސަރަހައްދުގައި ހުރި ފާރަކާ މުޑި އަރާފައެވެ.
ފުލުހުންގެ ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓްގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 6:50 ހާއިރުއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގުމުގެ ކުރިން، އިއްޔެ ހެނދުނު ވެސް ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނެއް ވަނީ ނިޔާވެފައެވެ. އެއީ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހުމުން ހިނގި އެކްސިޑެންޓެކެވެ. މި ހާދިސާގައި ނިޔާވީ ލ. އިސްދޫ، ބީޗް ހައުސްގެ ހަސަން ސަމާޙްއެވެ.
މި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވަމުން ދިޔަ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހީގެ 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ވަނީ ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ