ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ނިޔާވި ހަސަން ސަމާހު، 23، ނިޔާވީ މެރަތަންގައި ބައިވެރިވުމަށް މާލެ އައިސް ހުއްޓާކަން އެނގިއްޖެއެވެ. 23 އަހަރުގެ މި ޒުވާނާއަކީ ލ. އިސްދޫއަށް ނިސްބަތްވާ މީހެކެވެ.
މައުލޫމާތު ލިބޭގޮތުގައި ސަމާހު އުޅުނީ މެރަތަންގައި ބައިވެރިވާ މީހުން މެރަތަން އޮންނަ ސަރަހައްދަށް ގެންގޮސްދިނުމުގައެވެ. އޭނާ ނިޔާވީ، އެކަމުގައި އުޅެނިކޮށް، ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި އައި ރޭސް ކާރެއްގައި ޖެހިގެންނަވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުން، އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 02:48 ހާއިރުއެވެ. އެކްސިޑެންޓް ހިނގުމާ ގުޅިގެން ސައިކަލް ދުއްވަން އިން ސަމާހަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވަނީ ސަމާހު މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ފުލުހުންގެ މެސެޖުގައި އިތުރަށް ބަޔާންކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ