އިއްޔެ ބޭއްވުނު ރީޖަނަލް ކޮންސަވޭޝަން ފޯރަމް 2024 އޭޝިއާގައި އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަޝިޕް (އޭޕީއޭޕީ) ރޯޑްމެޕް ފޯ އަދަ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝަސް (އޯއީސީއެމް) އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނަޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ތައާރަފުކޮށްދެއްވައިފިއެވެ. މި ފޯރަމަކީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަ (އައިޔޫސީއެން) އާއި އައިޔޫސީއެން މޯލްޑިވްސްގެ އެހީތެރިކަމާއެކު ބޭއްވުނު ފޯރަމެކެވެ.
އޭޕީއޭޕީ ރޯޑްމެޕްގެ މައިގަނޑު މަގުސަދަކީ އޭޝިއާ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. މީގެއިތުރުން، މި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ ގައުމުތަކުގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި މި ރޯޑްމެޕްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، އޭޝިއާގެ އެހެން ގައުމުތަކާއެކު ގުޅުން ބަދަހިވެ، ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.
ރާއްޖެއިން ވަނީ އޭޕީއޭޕީގެ ބައި-ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން، އާރުއެފްސީ 2024 އޭޝިއާގެ ދަށުން "ސެލެބްރޭޓިން ދަ ޑެކޭޑް އޮފް އެޑްވާންސިން ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓްގެ ރިޔާސަތުވެސް ބަލަހައްޓާފައެވެ. މި އިވެންޓަކީ އޭޝިއާގެ ސަރަހައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކާއި ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ހާއްސަ އިވެންޓެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބި، އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. މި އިވެންޓުގައި އޭޝިއާގެ އެކި ގައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އިވެންޓުން ލިބުނު މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށް، ކުރިއަށް އޮތް ތަނުގައި އޭޝިއާ ސަރަހައްދުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ