ސަޢޫދީ ޝާހީ އާއިލާގެ އަލްއަމީރާ ލަތީފާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޝާހީ އާއިލާގެ އަލްއަމީރާ ލަތީފާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
05 ސެޕްޓެމްބަރ 2024 12:26
0

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި ޢާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި، ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފައެވެ. އަދި މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުޢާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ތަޢުޒިޔާގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރާ ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވަމުންނެވެ. އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ދުޢާ ދަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.