ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރި ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ ދައުރު ކުރަމުންދަނީ ފޭކް ރިޕޯޓެއް ކަމަށާއި އެ ރިޕޯޓުގެ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރުނު ކަމަށް ބުނާ ސައްހަ ނޫން ކޯޓު އަމުރަކާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ ތަހުގީގު ރިޕޯޓު ކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.
ފުލުހުން ނެރުނު ބަޔާނުގައިވަނީ އެ ރިޕޯޓުގައި ބޭނުން ކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުން ކުރާ ހެޑާ ދިމާނުވާ ކަމަށެވެ.
ދައުރުވަމުންދާ ރިޕޯޓްގައި، އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ ހައިސއްޔަތުން އަބްދުﷲ ނަވާޒު ސޮއިކޮށްފައިވާ ކަމަށް އޮތް ނަމަވެސް އެ ސޮޔަކީ ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ކަމަށާއި އެ ސޮއި ބޭނުން ކުރީ ފޯޖްކޮށްގެން ކަމަށް ބުނެފައިވެއެވެ.
އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެން، އަދި ފުލުހުންގެ އެހެން ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އަދި އެކި ގޮތް ގޮތުން ބަދަލު ގެނެސްގެން ހަދާފައިވާ ރިޕޯޓެއް ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އޭސީސީގެ ނަމުގައި ސައްހަ ނޫން ތަހުގީގު ރިޕޯޓެއް ދައުރު ކުރާ މައްސަލައެއް ވެސް އެ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެފަދަ ސައްހަ ނޫން ލިޔުންތަކާއި މައުލޫމާތު ދައުރު ނުކުރުމަށް ވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ޔާމީނުގެ ވެރިކަމުގައި އެ މަނިކުފާނު ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނީ އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުންނެވެ. އެ މައްސަލާގައި، އޭރު އެ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިހާނާއި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ޖަލު ހުކުމެއް ވެސް އައެވެ.