އާދަމް އަތުހަރު ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވެފައިވާ މައްސަލައިގައި، އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި އޮޓޮޕްސީ ހަދަންވެސް ދެކޮޅު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު އަތުހަރު އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު މިއަދު 16:08ހާއިރު ވަނީ މަރުވެފައެވެ. މި މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދުމަށް އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް، އަތުހަރުގެ އާއިލާގެ މީހަކު މީޑިއާތަކަށް މައުލުމާތު ދެމުން ބުނެފައިވަނަި އޭނާގެ ހަށިގަނޑުގައި ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށާއި، އެކަން ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އާއިލާގެ ބޭނުމަކީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލުން ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އޮޓޮޕްސީ ހެދުމާ ގުޅޭ ގޮތުން މިރޭ 9:00ގައި އަތުހަރުގެ އާއިލާއާ ބައްދަލުކޮށް، ގޮތެއް ނިންމާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަތުހަރު ހައްޔަރުކުރެވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރި މައްސަލައިގައެވެ. އޭގެފަހުން އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލެވުނެވެ. ނަމަވެސް، އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ބެހެއްޓުނެވެ. އޭގެފަހުން އޭނާ ދޫކޮށްލުމާއެކު ފުލުހުން އަލުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދެވުނެވެ.
ދޫނިދޫގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ރޭ އޭނާ އަލުން އައިޖީއެމްއެޗަށް ގެންދެވި، އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށުނެވެ. ފުލުހުން ބުނާ ގޮތުގައި އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނުމާއި އައިޖީއެމްއެޗަށް ގެންދިއުމާ ދެމެދު 23 މިނެޓު ވަނީ ހޭދަވެފައެވެ.