ޝިއާއުގެ މަރު: ދައުވާލިބޭ ސާހިލް ވަކީލެއްގެ އެހީތެރިކަން ނުހޯދާ އަމިއްލަށް ދައުވާއަށް ޖަވާބުދާރީ ވަނީ

ޝިއާއުގެ މަރު: ދައުވާލިބޭ ސާހިލް ވަކީލެއްގެ އެހީތެރިކަން ނުހޯދާ އަމިއްލަށް ދައުވާއަށް ޖަވާބުދާރީ ވަނީ

Author
ޙަސަން މުޙައްމަދު
01 ސެޕްޓެމްބަރ 2024 11:31
0

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީ ގާނޫނީ ވަކީލެއްގެ އެހީއެއް ނެތި ކޯޓުގައި އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ނިންމައިފިއެވެ.

މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ.

ސިއްރު ކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ބުނެފައިވާތީ ދައުލަތުގެ ހަރަދުގައި ހަމަޖެއްސި ވަކީލް ވަނީ މައްސަލަ ދޫކޮށްލާފައިވާ ކަމުގައެވެ.

އެހެންކަމުން، އެ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ސާހިލްއާ ހަވާލުކުރަން ކޯޓުން ވަނީ ނިންމައިފައެވެ. އަދި ބައެއް ލިޔުންތައް ސިއްރު ކޮށްފައިވާތީ އެ ލިޔުންތައް ސާހިލްއަށް ކޯޓުގައި ބެލޭ ގޮތަށް އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް ކޯޓުން ބުންޏެވެ.

އެ މައްސަލާގައި ދެން އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުން ކަމަށް ކޯޓުން ބުންޏެވެ. ސާހިލްއަށް ދައުލަތުގެ ހަރަދުގައި ކުރިން ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިން ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ވަކީލުން އޭނާއަށް އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން އޮތީ ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.