ކުށެއް ކުރުމުގެ ކުރިން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ހޯދައި ދޭން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ފުލުހުންނަކީ އެމީހުން ކުރާ މަސައްކަތުގައި "ރިސްކު" އޮތް ބަޔެއް ކަމަށާއި އެކަން ފުލުހުންނާއި ފުލުހުންގެ އާއިލާތަކުން ގަބޫލުކުރާ ކަމަށެވެ.
ސީޕީ ވިދާޅުވީ ކޮންމެ ފުލުހަކު ވެސް ބަލަނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. ފުލުހުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު އާންމު ރައްޔިތުންގެ ތައުރީފާއި ފުލުހުންނަށް ފާޑުކިޔުމަކީ އެމަސައްކަތުގެ ބައެއް ކަމަށާއި އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގަބޫލުކުރާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. ސީޕީ ޝުޖާޢު ވިދާޅުވީ މިއަދަކީ ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިޔާގެ ޒަމާން ކަމަށެވެ.
ސީޕީ ވިދާޅުވީ ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ފުލުހުން މިހާރު ވަރަށް ބޮޑަށް ތައްޔާރުކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ތަފާތު ގޮތަކަށް މަސައްކަތްތަކެއް ކުރަން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ގައުމުގައި ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުމުގައި ފުލުހުން މިހާރަށް ވުރެ ބޮޑަށް ކުޅަދާނަ ވާންޖެހޭ ކަމަށެވެ. ޓެރަރިޒަމާއި ފައިނޭންޝަލް ކްރައިމްސް ތަހުގީގުކުރުމުގައި ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ހޯދައި ދޭން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. ސީޕީ ވިދާޅުވީ ފުލުހުން މަސައްކަތުގެ މާހައުލުގައި މަގުމަތީގައި ހުންނަ ކެމެރާތަކުންނާއި އާންމު ރައްޔިތުން އެކި އޭންގަލް ތަކުން މަންޒަރުތައް ނަގާނެކަން ފުލުހުންނަށް އެނގޭ ކަމަށެވެ. އަދި އެއީ އެކަން އޮންނަންވީ ގޮތް ކަމަށް ސީޕީ މިއަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދީފައިވެއެވެ. އޭގެ އިތުރުން، ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވެގެން މި ހިދުމަތަށް މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.
1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ހިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔައެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ