ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ފުލުހުންގެ އާސާރު އާންމުންނަށް ދައްކާލަނީ

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ފުލުހުންގެ އާސާރު އާންމުންނަށް ދައްކާލަނީ

Author
ހުސައިން
01 ސެޕްޓެމްބަރ 2024 05:05
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފަށައިފިއެވެ.

ޤައުމީ ދާރުލް އާސާރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ހަރަކާތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުންނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި އަމީނިއްޔާ ސްކޫލު ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު އާދަމް ނަސީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ގަރުނަކާ ގާތްވަމުންދާ ފުލުހުންގެ ޚިދުމަތް ފެށިގެން އައި ގޮތަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ފުލުހުންގެ ޔުނިފޯމުގެ ނޫކުލައާއި ރިބަންފަށް ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ފުލުހުންގެ އާސާރަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި އެއީ ރައްކާތެރި ކުރަންވާނެ އެއްޗެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗެއް ވެސް ފުލުހުންގެ ތާރީހުގެ ވާހަކަ ދައްކާނެކަމަށާއި އެކަމުން ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމަށް ފުލުހުންގެ ފަރާތުން ރަމްޒީ ހަނދާނެއް އަރުވާފައިވެއެވެ. މި ރަމްޒީ ހަނދާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވައިލާފައެވެ. އެގޮތުން މިއަދު 14:00

އިން ފެށިގެން 18:00 އާ ހަމައަށް އަދި 20:00 އިން 22:00 އަށް ހުޅުވިފައި ހުންނާނެއެވެ. އަދި މި މަހު 2 އިން 3 އަށް 9:00 އިން 16:00 އަށް އަދި 20:00 އިން 22:00 އަށް ހުޅުވިފައި ހުންނާނެއެވެ.

މި ހަރަކާތަކީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.