ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަބަދުވެސް ގަދަރު އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. .
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ހައްގުގައި އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ހުކުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ޖުޑިޝަރީ މިނިވަންކޮށް، ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރެއްވި ކަމަށްވެސް ރައީސް މުއިއްޒު މިރޭ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޔާމީނަށް ޚާއްޞަ "ހުސްގޮނޑިއެއް" ބެހެއްޓެވީ އިޙްތިރާމުގެ ގޮތުން ކަމަށްވެސް ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް މިރޭ ވިދާޅުވިއެވެ.
އޭރުގަ ވެސް މިއަދުވެސް އަދި މާދަމާ ވެސް އަޅުގަނޑުގެ ހިތުގައި ގައިމުވެސް އެމަނިކުފާނަށް [ރައީސް ޔާމީނަށް] އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނެ އެ ގަދަރު.
ރައީސް ޔާމިނަށް އަބަދުވެސް އިހުތިރާމް ކުރައްވާކަމަށް މޭރުން ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މިރޭގެ އިންޓަރވިއުގައި ރައީސް ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިޚާބުގައިވެސް، ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ޗޮއިސްއަކީ ޔާމީން ކަމަށާއި، ރިޔާސީ ރޭހަށް ނިކުމެވަޑައިގަތީ ރައީސް ޔާމީނަށް އެ ފުރުޞަތު ގެއްލުމުން ކަމުގައެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހުންނެވީ ރައީސް ޔާމީނަށް ފުރުޞަތު ލިބިވަޑައިގަތްނަމަ، އެ ފުރުޞަތު ދޫކޮށްލައްވަން ތައްޔާރަށް ކަމަށާއި، މި ކަންކަމަށް ދެ ޕާޓީގެ ސެނެޓް މެންބަރުން ހެކިވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.