އެމްޑަބްލިއުއެސްސީން ދިވެހި މާކެޓަށް ކޮންޑިއުޓް ހޮޅި ތަޢާރަފު ކޮށްފި

އެމްޑަބްލިއުއެސްސީން ދިވެހި މާކެޓަށް ކޮންޑިއުޓް ހޮޅި ތަޢާރަފު ކޮށްފި

Author
ހުސައިން
29 އޮގަސްޓް 2024 09:12
0

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރާއްޖޭގައި ކަރަންޓު ވަޔަރިންގއަށް ބޭނުންކުރާ އައު ކޮންޑިއުޓް ހޮޅިއެއް އުފައްދައި ތަޢާރަފުކޮށްފިއެވެ.

މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑިއުޓް ހޮޅި ތަޢާރަފުކުރެއްވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދެވެ.

2015 ވަނަ އަހަރު އެމްޑަބްލިއުއެސްސީން ޤާއިމުކުރި ހޮޅި އުފައްދާ ޕްލާންޓަކީ އައިއެސްއޯ 9001 ސެޓިފައިޑް ޕްލާންޓެކެވެ. އެ ކުންފުނިން ވަނީ މަތީ ފެންވަރުގެ ހަތަރު ސައިޒެއްގެ ކޮންޑިއުޓް ހޮޅި އުފައްދައި މާކެޓްކޮށްފައެވެ.

އެކި ބާވަތުގެ ކަރަންޓު ވަޔަރިންގ މަސައްކަތްތަކަށް އުފައްދާފައިވާ ހަތަރު ސައިޒުގެ ހޮޅީގެ ތެރޭގައި 16 މިލިމީޓަރު، 20 މިލިމީޓަރު، 25 މިލިމީޓަރު، 32 މިލިމީޓަރު އަދި 40 މިލިމީޓަރުގެ ކޮންޑިއުޓް ހޮޅި ހިމެނެއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މި ކޮންޑިއުޓް ހޮޅި ރާއްޖޭގައި އުފައްދައި ވިއްކާނެ ކަމަށާއި، މިކަމުން ބޯހިޔާވަހިކަމުގެ ދާއިރާގައި މަސައްކަތްކުރާ އިމާރާތްކުރާ ކުންފުނިތަކަށާއި ހާޑްވެއަރ ފިހާރަތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިކަމުން ހޮޅި އެތެރެކުރުމުގައި ދިމާވާ ލަސްވުންތަކުން ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، ދިވެހި އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރުވާނެ މަގު ފަހިވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ކުންފުނީގެ މަޤްޞަދަކީ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން ދުވަހުން ދުވަހަށް ތަރައްޤީކޮށް، އޭގެ މަންފާ ކުންފުންޏަށާއި ދިވެހި މުޖުތަމަޢަށް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.