ހަތަރު ގައުމަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެ، އެވްރެޖްކޮށް ދުވާލަކު 6,000 އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އޯގަސްޓު 1 އިން 27 އަށް ޖުމްލަ 160,854 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުއްދަތުގައި އެވްރެޖްކޮށް ދުވާލަކު 5,958 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ފަތުރުވެރިން އެވްރެޖްކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ (195,689)، ރަޝިޔާ (144,950)، އިނގިރޭސިވިލާތް (116,268)، އަދި އިޓަލީވިލާތް (100,367) ހިމެނެއެވެ. ޖަރުމަނުވިލާތުން އަންނަ ފަތުރުވެރިންގެ އަދަދުވެސް ލައްކައަކާ ގާތްވަމުންދާކަން ފާހަގަކުރެވެއެވެ.
މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ގާތްވެފައިވާއިރު، މިއީ ނިމުނު އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ޖުމްލަ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އަހަރުގެ ފަހުކޮޅުގައި ފަތުރުވެރިން އަންނަ މިންވަރު އަހަރުގެ ފުރަތަމަ ތިން މަހާ އެއްވަރަށް އިތުރުވެއްޖެނަމަ މި އަމާޒު ހާސިލުވާނެކަމަށް ބެލެވެއެވެ.