ރާއްޖޭގަ އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫންކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ލޭގައި ހުރި ބޭރު ޤައުމުތަކުގެ އެމްބަސީތަކުގެ ކުރިމަތީގައި އިހުތިޖާޖުކުރުމާ ގުޅިގެން ހައްޔަރުކުރެވުނު ދެ އަންހެނުންގެ ދޫކޮށްލުމަށް ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިން ގޮވާލައްވަމުން ގެންދަވަނިކޮށެވެ.
އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ސަފީރުންގެ ގެކޮޅު ކައިރީގައި އިހުތިޖާޖުކުރަމުންދިޔަ ދެ އަންހެނުންގެ ތެރެއިން ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ އަނބިކަބަލުން ދޫކޮށްލުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ދަނީ ގޮވާލަމުންނެވެ. މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ ޑރ. ޝަޒްރާ އިބްރާހީމް އާއި އާއިޝަތު ޝާދިޔާ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ، ދިގު މުއްދަތަކަށް ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި، އެ ބޭފުޅާއާއި އާއިލާއަށް ބިރުދެއްކުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ. "ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން" ކަމަށް ޝަހީމްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.
ހައްޔަރުކުރެވުނު އަންހެނުން އިހުތިޖާޖުކޮށްފައިވަނީ އިނގިރޭސިވިލާތުގެ އެމްބަސީ، ޖަރުމަނުގެ އެމްބަސީ އަދި ރާއްޖޭގައި ހުންނަ ޔޫއެން އޮފީސް ކައިރީގައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ އެމްބަސެޑަރު އަދި ސަޢޫދީ އަރަބިއްޔާގެ އެމްބަސެޑަރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައިވެސް އެ މީހުން އިހުތިޖާޖުކޮށް އަޑުއުފުލާފައިވެއެވެ.
މި ދެ އަންހެނުން ދޫކޮށްލުމަށް ގޮވާލައި އަދާލަތު ޕާޓީން ބަޔާނެއް ނެރެފައިވެއެވެ. އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، އެ ދެ އަންހެނުން ހައްޔަރުކުރުމަކީ ފަލަސްތީނުގެ މައްސަލައާމެދު މި ސަރުކާރުގެ އަޅާލުމެއް ނެތްކަން ދައްކުވައިދޭ ނާތަހުޒީބު އަމަލެއް ކަމަށެވެ.