ޑޮލަރުން ޓެކްސް ނަގާނަމަ 40 މިލިއަނާއި 80 މިލިއަންއާއި ދެމެދުގެ އަދަދަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެކަމަށް: ސަޢީދު

ޑޮލަރުން ޓެކްސް ނަގާނަމަ 40 މިލިއަނާއި 80 މިލިއަންއާއި ދެމެދުގެ އަދަދަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެކަމަށް: ސަޢީދު

ޑޮލަރުން ޓެކްސް ނެގުމަށް ބަދަލުކުރުމުން ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 40 އިން 80 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ ޕެންޝަން، އާމްދަނީން ނަގާ ޓެކްސް އަދި އިމްޕޯޓް ޑިއުޓީ ޑޮލަރަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަށް ބުރަކޮށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ސަޢީދު ވިދާޅުވީ މި ބަދަލުތައް ގެނެވޭނީ ޤާނޫނަށް ބަދަލު ގެނައުމުން ކަމަށާއި ރައީސްގެ ވިސްނުންފުޅަކީ ވީ އެންމެ އަވަހަކަށް މި ބަދަލުތައް ތަންފީޒުކުރުން ކަމަށެވެ.

"ދެން އުފެދޭ ސުވާލަކީ އޭގެ އަގަކީ ކޮބައިތޯ؟ އަޅުގަނޑުމެން އެކަމުގެ މަސައްކަތް ކުރަމުން މި ގެންދަނީ. އަންދާޒާ ކުރެވިފައިވާ އަގުތަކެއް އެބަ ހުރި. އެއީ 40 އިން 80 މިލިއަން ޑޮލަރުގެ ދޭތެރޭގައި ހުރި އަދަދުތަކެއް،" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަކަށް 950 ބޭރުގެ އިންވެސްޓްމަންޓް ހުރި ކަމަށާއި އޭގެ ތެރެއިން 500 އަށްވުރެ ގިނަ އިންވެސްޓްމަންޓަކީ ފަތުރުވެރިކަމާ ގުޅުންހުރި އިންވެސްޓްމަންޓް ކަމަށެވެ. އެހެންކަމުން، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތައް އަޅާނީ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަކަށް، މި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *