ކުރީގެ މެމްބަރު ހައިތަމް ލަންކާގައި ބޭނުން ކުރަމުން އައި ކާރު ގޮއްވާލައިފި

ކުރީގެ މެމްބަރު ހައިތަމް ލަންކާގައި ބޭނުން ކުރަމުން އައި ކާރު ގޮއްވާލައިފި

Author
ޙަސަން މުޙައްމަދު
28 އޮގަސްޓް 2024 08:24
0

ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހައިތަމްގެ ކާރެއް ސްރީލަންކާގައި ގޮއްވާލާފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ. ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު އޭނާ ވިދާޅުވެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ކުރިން ދިމާވި އެކްސިޑެންޓަކާ ގުޅިގެން ކާރު މަރާމާތު ކުރަމުންދިޔަ ގަރާޖެއްގައި ކަމަށެވެ.

ހައިތަމް އިތުރަށް ވިދާޅުވެފައިވަނީ ގާތްގަނޑަކަށް ތިން ހަފްތާ ކުރިން ހިނގި އެކްސިޑެންޓަކާ ގުޅިގެން ކާރު މަރާމާތު ކުރުމަށް ގަރާޖަކަށް ގެންދިޔުމަށްފަހު އޭނާ ދިވެހިރާއްޖެއަށް އައި ކަމަށެވެ. އަދި މިއަދު ސްރީލަންކާއިން ގުޅައި އަންގާފައިވަނީ ގަރާޖުގައި އޮއްވާ ކާރު ގޮއްވާލި ޚަބަރު ކަމަށް ހައިތަމް ވިދާޅުވެފައި ވެއެވެ.

މިހާރު ސްރީލަންކާގައި ދިރިއުޅެމުންދާ ހައިތަމް ވިދާޅުވެފައިވަނީ، މި ހާދިސާ ހިގާފައިވަނީ ކާރުގެ މަރާމާތު ނިމި، ބަލައި ދިއުމަށް އިއްޔެ ގަރާޖުން އަންގާފައިވަނިކޮށް ކަމަށެވެ. އަދި ކުރިން ހިނގި އެކްސިޑެންޓުގެ މައްސަލަ ސްރީލަންކާ ފުލުހުންނަށް ރިޕޯޓުކޮށް ބަލަމުންދާ ކަމަށާއި، ކާރު ގޮއްވާލި މައްސަލަ ވެސް މިހާރު ސްރީލަންކާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ހައިތަމް މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، އޭނާގެ މަޖިލިސް ދައުރު ނިމެން ކައިރިވިއިރު ލިބުނު އެކި ބާވަތުގެ އިންޒާރުތަކާ ގުޅިގެން ދިވެހި ފުލުހުންނަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައި ނުވާކަން ވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.