ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ގާތް ބޭފުޅަކު ގެންނަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބުދުއްރަހީމް މިކަން ހާމަކޮށްފައިވަނީ "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ޕީޖީ މަޤާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމަށްފަހު، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަބްދުއްރަހީމްގެ ދަނބިދަރިކަލުން މަޤާމަށް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރަމުންދެއެވެ.
"އަޅުގަނޑު ލޮބީއެއް ނުކުރަން. އަނެއްކަމަކީ އެ ބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް ބޭފުޅަކު އެ މަޤާމަށް އަތުވެދާނެއޭ. އެއީ އެވަރުގެ އިލްމީ ޤާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން ކުރައްވާފައިވާ ތުހުމަތުތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން އެފަދައިން ވާހަކަދައްކަވަނީ އެމަނިކުފާނާ ގާތް ބޭފުޅަކު ޕީޖީ މަޤާމަށް އަތުވެއްޖެނަމަ، ރައީސް ޔާމީންގެ މައްސަލަ އަވަސްވެދާނެކަމުގެ ބިރުފުޅުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް 100 އިންސައްތަ ޔަޤީންކަން އޮތް ކަމަށެވެ.
"އަޅުގަނޑަށް ހެޔޮ ޔާމީން ޕީޖީގެ މަޤާމަށް ގެނައަސް. މަލީހު އެ މަޤާމަށް ގެނައަސް. ޖަމީލު ގެނައަސް މައްސަލައެއް ނެތް. އަދުލުވެރި އިންސާފުވެރި ޝަރީޢަތެއް ހިންގައިފި ނަމަ އެމްއެމްޕީއާރްސީ މައްސަލައެއްނޫން އެހެން މައްސަލައެއްގައިވެސް ސާބިތުކުރެވޭނެ ކުށެއް ކޮށްފައެއް ނޯންނާނެ. ދެން ޕީޖީގެ މަޤާމަށް އަޅުގަނޑުގެ ގާތް މީހަކު ގެންނާކަށް މަސައްކަތެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.