ސަރުކާރުން ޤައުމިއްޔަތަށް ޗެލެންޖުކުރާކަމަށް ޝާހިދު ވިދާޅުވެއްޖެ

ސަރުކާރުން ޤައުމިއްޔަތަށް ޗެލެންޖުކުރާކަމަށް ޝާހިދު ވިދާޅުވެއްޖެ

މިހާރުގެ ސަރުކާރުގައި ފެނިގެންދަނީ ޤައުމިއްޔަތަށް ޗެލެންޖުކުރާ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ސަރުކާރުން ކުރި ތުހުމަތާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ލީޑަރޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ބީއެމްއެލްއަކީ ޤައުމީ ބޭންކެއް ނަމަވެސް، ސްކޭމް ކޯލްތަކުގެ މައްސަލަތަކާއި އެހެނިހެން ކަންކަމުގައި ބީއެމްއެލްގެ އިތުބާރާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ. މި ފަދަ ދަނޑިވަޅެއްގައި ބޭންކުން ދައުލަތާ ދެކޮޅަށް ބަޣާވާތެއް ކުރި ކަމުގެ ތުހުމަތު ރައީސުލްޖުމްހޫރިއްޔާއާއި ކެބިނެޓް މިނިސްޓަރުން ކުރެއްވުމާއި، ބޭންކުގެ ސީއީއޯ އިސްތިޢުފާ ދޭންޖެހޭނެ ކަމަށް ގޮވާލި ގޮވާލުމުން ދޭހަވަނީ ޤައުމީ ވަންތަކަމަށް ކުރާ ޗެލެންޖެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިފަދައިން ޤައުމިއްޔަތަށް ޗެލެންޖުކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައިގައި ބީއެމްއެލުން އެޅި ފިޔަވަޅާ ގުޅިގެން ސަރުކާރުން ދެއްކި ބައެއް ވާހަކަތައް ހަމަނުޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މިގޮތުން، ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެންބަރުން ބޭންކުގެ އެ ނިންމުން ދިފާޢުކުރައްވާ ވާހަކަދެއްކެވި ކަމަށާއި، ރައީސް އޮފީހުގައި އެ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުންވެސް މިއީ މިވަގުތު ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެ ވާހަކަދެއްކެވި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ރޭ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ބީއެމްއެލުން ހިންގަން އުޅުނީ ބަޣާވާތެއް ކަމަށް ވިދާޅުވެފައެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ ސަރުކާރާއި ބީއެމްއެލްއާ ދެމެދު އޮތް ގުޅުން މިވަގުތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *