ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތެރެއިން ހިންގާފައިވަނީ ދުރާލައި ރޭވިގެން ހިންގި ބަޣާވާތެއް ކަމަށާއި، ފުލުހުން މި މައްސަލަ ނުފޫޒަކާ ނުލައި ބަލާނެ ކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރުގޭގައި މިރޭ ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގެ ތެރެއިން އިއްޔެ ހިނގި ކަންތައްތަކާއި، އެ ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު ނޫސްކޮންފަރެންސް ދިނުމާއި، އަދި ސޯޝަލް މީޑިއާގައި މީހުން މަގުމައްޗަށް ނެރުމަށް ކުރި މަސައްކަތްތައް، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ޣައިރު ޤާނޫނީ ގޮތެއްގައި ހިންގި ޢަމަލެއްގެ ގޮތުގައި ދޭހަވާ ހެކިތައް ހުރުމުން ފުލުހުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
މިއީ ރޭވިގެން ހިނގި ކަމެއް، އެ ކުރި ގޮތެއް ބަލަން ފުލުހުން އެ އޮތީ ފަށާފައި. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުން އިދާރާއަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ އެ ދާނީ ރައްޔިތުންނާ ހިއްސާކުރަމުން. މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ އެޓެމްޓެޑް ކޫ އަކަށް.
މިރޭގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފުލުހުންނަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، ފުލުހުންގެ ތަޙުޤީޤުން ފާހަގަވާ ކަންކަން ތަންފީޒުކުރުމުގައި، ކުށްވެރިވަނީ ކޮންމެ މީހަކު ކަމުގައިވިޔަސް ޝަރީޢަތަށް ފޮނުވައިގެން އެ މީހަކަށް އެކަން ސާބިތުވެއްޖެނަމަ ޙުކުމް ތަންފީޒުކުރުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޝަރީޢަތަށްވެސް މި ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލްގެ ނިންމުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ނިންމުން ނެރޭކަން އެނގުނު ހިސާބުން ފެށިގެން އެމަނިކުފާނާއި ކަމާބެހޭ ވަޒީރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް އެއްވެސް ވާހަކައެއް އަޑުނާހައި ބޭންކުން ނިންމުން ނެރުނު ކަމަށާއި، އޭގެ ފަހުން އެމަނިކުފާނު އިތުރަށް މަސައްކަތްކުރެއްވުމުން ވަރަށް ގިނަ ބޭފުޅުން އެހީތެރިކަން ދެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކެއް ނަމަވެސް މިވަގުތު އެތަނުގައި ސަރުކާރުގެ މެޖޯރިޓީ ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ދެ ޑިރެކްޓަރުންގެ ނަން ފޮނުވި ނަމަވެސް، ބޭންކުގެ އުސޫލުތަކުގެ ދަށުން އެ ބޭފުޅުން އައްޔަންކުރުމަށް އަދި ދެތިން ހަފުތާއެއް ނަގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.