ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ޚާއްޞަ ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ޙާލަތާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވައި ޤައުމުގެ މަޞްލަޙަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން މިފަދަ ތަޙުޤީޤެއް ފަށާފައިވާކަން ހާމަކޮށްފައި މިވަނީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް އިއްޔެ ބީއެމްއެލްއިން ގެނައި ބަދަލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ޚިލާފަށް ގެނައި ބަދަލެއް ކަމަށް ސަރުކާރުގެ ވަޒީރުން ވިދާޅުވެފައިވަނިކޮށެވެ.
އަދި މިރޭ ޕީއެންސީގެ ޖަގަހާގައި ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒުވެސް ވިދާޅުވީ، ބީއެމްއެލްއިން ގެނައި ބަދަލަކީ ރޭވޮގެން ހިނގި ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުވެސް ވަނީ އެއީ ގެންނަން އުޅުނު ބަޢާވާތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ