ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އަދި ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމި ނިންމުމަކާއި، އޭގެފަހުން އެ ނިންމުން ބަދަލުކުރުމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްއިން މިއަދު ފާޑުކިޔައިފިއެވެ.
ބީއެމްއެލްއިން އިއްޔެވަނީ އެ ބޭންކުގެ ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމާފައެވެ. ނަމަވެސް އެ ދުވަހުގެ ހަވީރު އެ ނިންމުން ބޭންކުންވަނީ ބަދަލުކޮށްފައެވެ. މި ކަމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ބޭންކުގެ މި ނިންމުން ބަދަލުކުރީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.
އިލްޔާސް ވިދާޅުވީ މިދިޔަ އޭޕްރީލް މަހުން ފެށިގެން ބޭންކުން ސަރުކާރަށާއި އެމްއެމްއޭއަށް ޑޮލަރުގެ ދަތިކަން ހުރި ވާހަކަ ތަކުރާރުކޮށް އަންގަމުން ދިޔަ ނަމަވެސް، ސަރުކާރުން އެކަމަށް އަޅާލާފައި ނުވާ ކަމަށެވެ. މިކަމުގެ ސަބަބުން ބޭންކަށް ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ގެއްލި، ބޭންކިން ގާނޫނު ފުނޑާލާފައިވާ ކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ، ބޭންކުގެ ކަންކަން ނިންމަންވާނީ ބޭންކުގެ ބޯޑުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ބޭންކުގެ ނިންމުންތައް ބަދަލުކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު ބޭންކުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް އިލްޔާސް ފާހަގަކުރެއްވިއެވެ.
އިލްޔާސް ވިދާޅުވީ ސަރުކާރުން ކުރަންވީ ކަމަކީ އާމްދަނީ އިތުރުކުރުމާއި، ޑޮލަރުގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން ޚަރަދުތައް ކުޑަކުރުން ކަމަށެވެ. އަދި ބޭންކުން އެޅި ފިޔަވަޅަކީ ބޭންކު ސަލާމަތްކުރުމަށާއި، ބޭރު ފައިސާ ސަލާމަތްކުރުމަށް އަޅަންޖެހުނު ފިޔަވަޅެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ގައުމީ ބޭންކު މިހާރު ހިގަމުންދަނީ ރައީސްގެ އަމުރުފުޅާއި އެއްގޮތަށް ހިންގަމުންދާ ސަރުކާރުގެ ޑިޕާޓްމަންޓެއްގޮތަށް ކަމަށެވެ.
ސަރުކާރުން އަޅައެއް ނުލާ. އެމްއެމްއޭއިން އަޅައެއް ނުލާ. އެންމެ ފަހުން އެ މީހުންނަށް ނުކަތާވަރުވީމާ ބޭންކުން އެންމެ ފަހުން އެ ނިންމީ ތިމަންނަމެންނަށް އެކަން ކުރެވޭކަށް ނެތޭ. އަޅުގަނޑުމެންނަށް މި ފެންނަނީ މިނިވަން މުސްތަގިއްލު ބޭންކެއް، ސަރުކާރު ހިއްސާ އޮތް ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމަންޓެއްހެން އަމުރުކުރައްވައިގެން ބޭންކު ހިންގަން އުޅޭތަން،
އިލްޔާސް ލަބީބު ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުޢާމަލާތްތައް އިތުރުވަމުންދާއިރު، ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހުރުމުން ކަމަށެވެ. ނަމަވެސް، ފަހުން އެމްއެމްއޭގެ އިރުޝާދުގެ ދަށުން އެ ނިންމުން ބަދަލުކުރި ކަމަށް ބޭންކުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ