ބީއެމްއެލްއިން ޑޮލަރުގެ ލިމިޓްތަކަށް ބަދަލު ގެނައީ ރައީސްގެ އިރުޝާދާއި ޚިލާފަށް: ސައީދު

ބީއެމްއެލްއިން ޑޮލަރުގެ ލިމިޓްތަކަށް ބަދަލު ގެނައީ ރައީސްގެ އިރުޝާދާއި ޚިލާފަށް: ސައީދު

Author
ޙަސަން މުޙައްމަދު
25 އޮގަސްޓް 2024 08:22
0

ބީއެމްއެލްއިން ޑޮލަރު ލިމިޓްކުރުމުގެ ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ ޚިލާފަށް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ބީއެމްއެލްއަކީ ސަރުކާރުގެ ޙިއްސާ އޮންނަ ކުންފުންޏެއްނަމަވެސް، އެމުވައްސަސާގެ ވިޔަފާރީގެ ނިންމުންތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ނިންމުންތަކުގައި ސަރުކާރުން އަޑު އުފުލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ފުރަތަމަ ނިންމީ ރުފިޔާ އެކައުންޓުތަކުން ބޭރު ޤައުމުތަކުގައި މުޢާމަލާތް ކުރުމަށް ޑޮލަރު ނުދޫކުރާ ގޮތަށެވެ. ނަމަވެސް، މި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ފަހުން މި ނިންމުން ބަދަލުކުރިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މި މައްސަލައިގައި ސަރުކާރުން އަޑުއުފުލަން ނިންމީ، މިއީ ގިނަ ރައްޔިތުންނަށް ސީދާ ގެއްލުން ލިބޭނެ ކަމަކަށްވާތީ ކަމަށެވެ. ޚާއްޞަކޮށް ބޭރުގައި ކިޔަވާ ދަރިވަރުންނާއި ކުދި ވިޔަފާރިވެރިންނަށް މީގެ އަސަރުކުރާނެ ކަމަށް ފާހަގަކުރެއްވިއެވެ.

"ބީއެމްއެލްގެ މި ނިންމުމަކީ ސީދާ ރައީސްގެ އިރުޝާދާ ޚިލާފަށް ނިންމި ނިންމުމެއް. މިއީ އެތައް ދަރިވަރުންނަކަށާއި ވިޔަފާރިތަކަކަށް ގެއްލުން ލިބޭނެ ނިންމުމެއް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ ޑިމާންޑެއް އޮންނަ ކަމަށެވެ. އަދި ފޮރިން އިންވެސްޓްމަންޓް ބިލް ފާސްވުމާއެކު، މިނިވަން ވިޔަފާރީގެ ވެށްޓަކަށް ރާއްޖެ ބަދަލުވެ، ބޭރު ފައިސާގެ ޑިމާންޑް ދަށްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.