ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމުގައި އެމްއެމްއޭއިން ހާމަކޮށްފިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން އިންތިހާއަށް މަތިވެ، ބީއެމްއެލްއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ހައްލު ހޯދުމަށް ބޭނުންކުން ކުރެވޭ ޑޮލަރުގެ މުއާމަލާތައްކަށް ހިފެހެއްޓުންތަކެއް ގެނައުމަށްފަހު ހަމަ މިއަދު ބޭންކުން އެނިންމުން ބަދަލުކޮށްފައި ވަނިކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަމަށެވެ.
އެގޮތުން، އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާކަން ސެންޓްރަލް ބޭންކުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2023 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 307 މިލިއަނަށް އިތުރުވެފައިކާންވެސް ފާހަގަ ކޮށްފައި ވެއެވެ. ހަމަ އެއާއެކު މިއަހަރުވެސް މި އަދަދު އިތުރުކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަ ކޮށްފައި ވެއެވެ. އެމްއެމްއޭއިން ބުނެފައިވަނީ މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަމުގައެވެ.
އެމްއެމްއާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލު ބަދަލު ކުރުމަށް އިރުޝާދު ދިނީ އެއީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ ކަމުގައެވެ.
އެގޮތުން، މި ބަދަލު މުރާޖާ ކުރުމަށް އެއޮތޯރިޓީން ބީއެމްއެލްއަށް އިރުޝާދުދީފައި ވާކަން ފާހަގަ ކުރައްވަމުން އެ އޮތޯރިޓީން ބުނެފައިވަނީ، ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމުގައެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އެމްއެމްއޭ އިން ބީއެމްއެލްއާއެކު އެކި ފަހަރު މަތިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށާއި، ކޮވިޑް-19 އާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ޖުލައި މަހު ނިމުނުއިރު ބޭންކިންގ ނިޒާމުގައި އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގެ ސަރޕްލަސް ލިކުއިޑިޓީ ހުރި ކަމަށް ބުނެފައިވެއެވެ. މީގެ ބޮޑު ބައެއް ހިއްސާކުރަނީ ބީއެމްއެލް އިންނެވެ.
އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިޢާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށާއި، ފައިނޭންޝަލް ސެކްޓަރަށް ދިމާވެފައިވާ ނިޒާމީ މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބަދަލުތަކުން ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރާ ކަމުގައެވެ.