ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިއުޓީ ސެލޫނުގެ ވިޔަފާރި ފުޅާކޮށްފައިވާތީ، 'ސެލޫން ބައި ރިޒް’ގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑިޕޯޓްކުރެވިއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރިގޮތުގައި، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ކޮށްފައެވެ. މި އިންސްޕެކްޝަނުން ހާމަވީ ޝްރެސްތާ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ޝަރުތުތަކާ ޚިލާފަށް ވިޔަފާރިކުރަމުންދާކަން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް… pic.twitter.com/GIww4oLxQs
— Maldives Immigration (@ImmigrationMV) August 24, 2024
އިމިގްރޭޝަންއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޝްރެސްތާގެ ބިދޭސީ ހަތަރު މުވައްޒަފުންގެ ޞައްޙަ ވިސާ ނެތުމާ ގުޅިގެން، އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، މި މަހުގެ 13 ވަނަ ދުވަހު އެމީހުންނަށް ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ވަނީ ޑިޕޯޓްކުރެވިފައެވެ. ޝްރެސްތާގެ ވިޔަފާރި ފުޅާވަމުންދިޔަކަން ފާހަގަކުރެވޭ އިރު، މިއަހަރުގެ ތެރޭގައި އިތުރު ސެލޫނެއް ވެސް ހުޅުވާފައިވެއެވެ.
އިމިގްރޭޝަނުން މިހާރު ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ގަވާއިދާ ޚިލާފު ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ހުށަހެޅުމަށް "އިމިގްރޭޝަން ވޮޗް" ނަމުގައި 24 ގަޑިއިރު ޚިދުމަތްދޭ އޮންލައިން ޕޯޓަލްއެއް ތަޢާރަފުކޮށްފައިވެއެވެ.