އެއާޕޯޓް ޓެކުހާއި ފީއިން ލިބޭ އާމްދަނީ 11 ޕަސެންޓް އިތުރުވެއްޖެ

އެއާޕޯޓް ޓެކުހާއި ފީއިން ލިބޭ އާމްދަނީ 11 ޕަސެންޓް އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވެއްޖެއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 86.5 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 77.3 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށްވުރެ 141.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި އަހަރުގެ ތަފްސީލަށް ބަލާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 658 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 673 މިލިއަން ރުފިޔާ ލިބުނެވެ. މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ޑިޕާޗާ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާއެވެ.

ޑިޕާޗާ ޓެކްސް ނަގަން ފެށީ 2022 ގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މި ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، 2 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެއެވެ. މި ފީ އިން އިސްތިސްނާވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.

2022 ގެ ޖެނުއަރީ 1 އިން ފެށިގެން އޭޑީއެފް އަދި ޑިޕާޗާ ޓެކްސްގެ އަގުތަކަށް ބަދަލު ގެނެވުނެވެ. އެގޮތުން އިކޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ނަގާއިރު ބިދޭސީއެއް ނަމަ 30 އެމެރިކާ ޑޮލަރު ނަގައެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރު ނަގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *