އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މި މަހުގެ ނިޔަލަށް 300 ޒުވާން ހަތީބުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭ ފެށުނު އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައެވެ.
ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި ފަސް އަހަރު ތެރޭ 1000 ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫޢު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެއެވެ. މިހާތަނަށް 100 ހަތީބުންނަށް ހުއްދަ ދޫކުރެވި، އެކި ރަށްރަށުގައި ހުތުބާ ކިޔަމުންދާ ކަމަށާއި، އިތުރު 200 ކުދިންނަށް ތަމްރީނުދީ ނިމި، މި މަހުގެ 28 ގައި އެ ކުދިންނަށް ސަނަދު ދޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ތަމްރީނު ދޭން ފެށީ މިއަހަރުގެ ކުރީކޮޅުއެވެ. މާލެއާއި އައްޑޫގައި ހިންގަމުންދާ ތަމްރީނާއި އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނާއެކު 200 ދަރިވަރުންގެ ދެވަނަ ބެޗްގެ ތަމްރީނު ފެށީ މި އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ޝަޚްޞިއްޔަތު ރަމްޒުކޮށްދީ އިސްލާމްދީނުގެ ޝިޢާރު ދެމެހެއްޓުމަށް ދެވަނަ ސަފެއް ބިނާކުރަންޖެހޭ ކަމަށެވެ. މިކަން ނުކޮށްފިނަމަ މުސްތަޤްބަލުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް އިންޒާރުދެއްވިއެވެ.
"މިއަދު ކުރީސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރަންވީ އެ މީހުންގެ ކުރިއަށް އޮތް ސަފު ބިނާކުރަން. ޖެހިގެން އޮތް ސަފު ބިނާކުރަން މަސައްކަތް ނުކޮށްފި ނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ މުސްތަޤްބަލުގައި،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.