ސިޔާސީ އަދި އަމިއްލަ ކަންކަމުގައިވެސް ޒާތީވުމަކީ ނާތަހުޒީބީ ޢަމަލެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައިވަނީ "ހަސަން ކުރުސީ" އެކްސް އެކައުންޓުން މިނިސްޓަރުގެ ދަރިފުޅާ ގުޅޭގޮތުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ މިނިސްޓަރު ސަޢީދުގެ 4 އަހަރުގެ ދަރިފުޅަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި، ހުޅުމާލޭގައި ހުންނަ އަޖިއަލް އިންޓަލް ސްކޫލުގައި ކިޔަވައިދޭ އިނގިރޭސިވިލާތުގެ ޓީޗަރަކު އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެން އެ ޓީޗަރު ޑީޕޯޓްކުރުމުގެ މަސައްކަތް ސަޢީދު ކުރެއްވި ކަމަށެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ސަޢީދު ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން އޭނާއާމެދު ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، "ހަސަން ކުރުސީގެ ނަމުގައި ފިލާތިބެ، ބަޔަކު ޒާތީވެގެން އޭނާގެ ދަރިފުޅުގެ ތަޢުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައި ދޮގު ޚަބަރުތައް ފެތުރުމަކީ ނާތަހުޒީބީ ޢަމަލެއް" ކަމަށް ވިދާޅުވިއެވެ.
"ހަސަން ކުރުސީ" އަކީ ސަރުކާރުގެ އެތެރޭގެ އަދި އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޢުލޫމާތު ލީކުކުރަމުންދާ، ކާކުކަން ނޭގޭ މީހަކު އޮޕަރޭޓް ކުރަމުންދާ އެކްސް ހޭންޑްލްއެކެވެ.