ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލުން ބޭފުޅަކު އައްޔަންކުރުމަށްޓަކައި ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފޮއެވެ. މި ނިންމުން ނިންމީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައެވެ. މި ޖަލްސާގައި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އެ މަޤާމުން ވަކިކުރުމަށް ވެސް ފާސްކޮށްފައިވެއެވެ. ޝަމީމް ވަކިކުރުމަށް 65 މެންބަރުން ވޯޓުދެއްވިއިރު، 9 މެންބަރުން ވޯޓުދެއްވީ ވަކިނުކުރުމަށެވެ.
ޤާނޫނުގައިވާ ގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އައު ބޭފުޅަކު އައްޔަންކުރަންޖެހެއެވެ. މިކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލިސް ރިސެސްއަށް ދާތީ، އައު ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަންކުރުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ. މި ދެ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅު އިއްވުމަށް ބާއްވާ ޖަލްސާއާއި، ކޮމިޓީން ނިންމުމަށްފަހު ނަންފުޅު ފާސްކުރުމަށް ބާއްވާ ޖަލްސާއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ 3 ދުވަސް ކުރިން މެންބަރުންނަށް ނޯޓިސް ފޮނުއްވާނެ ކަމަށެވެ. ޝަމީމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކޮށް، ޝަމީމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، އޭނާ މަޤާމުން ވަކިކުރުމަށް ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ