ޝަމީމު ވަކިކުރީ އިޖުރާއަތުތަކާ ޚިލާފަށް: އެމްޑީޕީ

ޝަމީމު ވަކިކުރީ އިޖުރާއަތުތަކާ ޚިލާފަށް: އެމްޑީޕީ

Author
ހުސައިން
23 އޮގަސްޓް 2024 12:44
0

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޝަމީމް ވަކިކުރުމަށް ނިންމުމާ ގުޅިގެން، މަޖިލީހުގެ ތަޅުމުން މިކަން ފާސްކުރުމުގެ ކުރިން ޝަމީމް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. ނަމަވެސް، އިސްތިޢުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭކަމަށް ބުނެ މަޖިލީހުން މިރޭ ވަނީ ޝަމީމް މަޤާމުން ވަކިކުރުމަށް ވޯޓު ދީފައެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނުވަނީސް ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް، އަދި ޑިއު ޕްރޮސެސްއަށް ޖާގަނުދީ، ބަންދު ކޮޓަރިއެއްގައި އަވަސްއަރުވާލައިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މިފަދަ ގޮތަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން ވަކިކުރަމުން ގެންދާތީ އެކަމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ޕީޕީއެމް-ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ޝަމީމް ކުއްލިގޮތަކަށް ވަކިކުރުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.