ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހު އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އާއިލާއަކަށް ނިސްބަތްވާ 15 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 9 ކުދިންނާއި 3 އަންހެނުން ހިމެނެއެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ މެދުތެރޭ ޣައްޒާގެ އަލް ޒަވައިދާ ސަރަޙައްދުގައި ހުރި އަޖްލާ އާއިލާގެ ގެއަށެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން މިކަމާ ގުޅޭގޮތުން މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
"އަޖްލާ އާއިލާގެ ގެއަށާއި އެމީހުންގެ ގުދަނަށް އިސްރާއީލުން ދިން ހަމަލާގައި 15 މީހުން މަރުވެފައިވޭ،" ބައްސާލް ބުންޏެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ މެންދަމުގެ ފަހުންނެވެ.
"ތިން ރޮކެޓް ސީދާ ގެއަށް ޖެހުނު،" އަޙްމަދު އަބޫ އަލް-ޣޫލް އޭއެފްޕީއަށް ބުންޏެވެ. ސަލާމަތްކުރާ މީހުން ވަނީ ފުނޑުފުނޑުވެފައިވާ ގޭގެ ތެރެއިން ހަށިގަނޑުތައް ނަގަމުންނެވެ.
"ގޭގައި ގިނަ ކުދިންނާއި އަންހެނުން ތިބި… މިކަން ވާން އެމީހުން ކުރި ކަމަކީ ކޮބާ؟"
އޭއެފްޕީޓީވީން ފަތިސްވުމަށްފަހު ނަގާފައިވާ މަންޒަރުތަކުގައި ދައްކާ ގޮތުގައި ސަލާމަތްކުރާ މީހުން ދިޔައީ ފުނޑުފުނޑުވެފައިވާ ކޮންކްރީޓް ބްލޮކުތަކުގެ ތެރެއިން ހަށިގަނޑުތައް ހޯދަމުންނެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު 10 މަހަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގިނަ ސަރަޙައްދުތަކެއް ވަނީ ވީރާނާވެފައެވެ.
މި ހަނގުރާމަ ފެށުނީ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. މި ހަމަލާގައި އިސްރާއީލުގެ 1،198 މީހުން މަރުވިއެވެ. މީގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.
ހަމާސް ޖަމާއަތުން ވަނީ މި ހަމަލާގައި 251 މީހުން ރަހީނުކޮށްފައެވެ. މީގެ ތެރެއިން 111 މީހުން އަދިވެސް ޣައްޒާގައި ބަންދުކޮށްފައި ތިބިއިރު، އިސްރާއީލުގެ ސިފައިން ބުނާގޮތުގައި 39 މީހުން ވަނީ މަރުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،005 މީހުން ޣައްޒާގައި ޝަހީދުވެފައިވާކަމަށް ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިއީ އާންމުންނާއި ހަނގުރާމަވެރިންގެ އަދަދުތައް ވަކިވަކިން ދީފައިވާ ތަފާސްހިސާބެއް ނޫނެވެ.
ކޮމެންޓު ފޮނުވާ