އިޒްރޭލު ސަރުކާރުގެ އިސް ފަރާތްތަކުން އަލްއަޤްޞާ މިސްކިތަށް ވަދެގަތުމާ ގުޅިގެން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ. މިއަދު (14 އޯގަސްޓް 2024) ނެރުނު ބަޔާނެއްގައި ދިވެހި ސަރުކާރުން ބުނެފައިވަނީ އިޒްރޭލުގެ ދެ ވަޒީރަކާއި ޕާލަމެންޓް މެންބަރުން ހިމެނޭގޮތަށް އެ ޤައުމުގެ އިސް ފަރާތްތަކުން އަލްއަޤްޞާ މިސްކިތަށް ވަދެގަތުމަކީ މުސްލިމް އުންމަތުގެ އެންމެ މަތިވެރި އަދި މުޤައްދަސް ތަންތަނުގެ ތެރެއިން ތަނެއްގެ ޙުރުމަތް ކެނޑުމެއް ކަމުގައެވެ.
"އިޒްރޭލުން މިފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުންދާތީ، އެ ސަރަޙައްދުގައި ސުލްޙަ އަދި ހަމަޖެހުން ޤާއިމުކުރުމުގެ އުންމީދުތަކަށް ނުރައްކާވެދާނެތީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވޭ،" މި ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ދިވެހި ސަރުކާރުން ވަނީ ފަލަސްޠީނުގެ އަޚް ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އެއްބައިވަންތަކަމާއެކު ތިބޭނެކަން އަލުން ތަކުރާރުކޮށްފައެވެ. އަދި މި މައްސަލައަށް ދެމެހެއްޓެނިވި އަދި ސުލްޙަވެރި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތްކުރުމަށް ވެސް ގޮވާލާފައިވެއެވެ.
ފަލަސްޠީނު މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ މައްސަލައެކެވެ. ދިވެހިރާއްޖެއިން ވަނީ މީގެ ކުރިންވެސް ފަލަސްޠީނުގެ މިނިވަންކަމަށް ތާއީދުކޮށް، އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.