އިންޑިއާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށްޓަކައި އިންވެސްޓް ފޯރަމެއް ބޭއްވުމަށް ވިސްނަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، "ވެލްކަމް އިންޑިއާ" ރޯޑް ޝޯ ނިންމާލައްވާފައި ރާއްޖެ ވަޑައިގަތުމަށްފަހު، އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރުގެ އިސްނެންގެވުމުގެ ދަށުން އިންޑިއާގެ ތިން ބޮޑު ސިޓީއެއްގައި ރޯޑް ޝޯތަކެއް ބޭއްވުނެވެ. މި ރޯޑް ޝޯތައް ބޭއްވުނީ އެމްއެމްޕީއާރުސީ، މަޓާޓޯ އަދި އެންއެޗްޖީއޭއެމް ގުޅިގެންނެވެ. މި ރޯޑް ޝޯތައް ބޭއްވުނީ ޖުލައި 30 ގައި ނިއުދިއްލީގައި، އޯގަސްޓް 1 ގައި މުމްބާއީގައި އަދި އޯގަސްޓް 3 ގައި ބެންގަލޫރުގައެވެ.
މީގެ އިތުރުން، އިންޑިއާގެ ފަތުރުވެރިކަމާބެހޭ ވަޒީރާއި މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރާ ވަޒީރު ފައިޞަލް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދަށްވެފައިވާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓާއި އައްޑޫ އެއަރޕޯޓު ނިމުމުން އެ ސަރަޙައްދުތަކުގެ ގުޅުންތައް އިތުރުކުރުމާއި، ފަތުރުވެރިކަމަށް އިންވެސްޓްމަންޓް ހޯދުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އެތެރޭގެ އަދި އެމްއެމްޕީއާރުސީގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއާވެސް މަޝްވަރާކޮށް އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމެވެ. އޭގެ ތެރޭގައި މި ރޯޑް ޝޯވެސް ކުރިއަށްދާނެއެވެ. އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރަން ބޭނުންވަނީ އިންޑިއާ މާކެޓަށެވެ" ވަޒީރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އިންޑިއާގައި ކުރެވުނު މަސައްކަތުން މިހާރު އެ މާކެޓުގައި އޮތް މާޔޫސްކަން ވަރަށް ބޮޑަށް ފިލައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯ ސީޒަނަށް ރަނގަޅަށް ތައްޔާރުވެ، އިންޑިއާ މާކެޓު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.
ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންޑިއާއިން 73,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ޖުމްލަ ގޮތެއްގައި މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.އިންޑިއާގައި ބޭއްވި"ވެލްކަމް އިންޑިއާ" ރޯޑް ޝޯ ކާމިޔާބު