ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، އިޒްރޭލް ޕާސްޕޯޓު މަނާ ނުކުރެވޭ ސަބަބު ސާފުކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް ހުށަހެޅި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ މިހާރު 59 ދުވަސް ވެއްޖެއެވެ. މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާ ސަބަބު ސާފުކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މީކާއީލް ފާހަގަކުރެއްވި ގޮތުގައި، 29 މެއި 2024 ގައި މަޖިލީހަށް ހުށަހެޅި، 10 ޖޫން 2024 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވެ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
މި ބިލު ކޮމިޓީގައި އޮންނަތާ 59 ދުވަސް ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން އެޖެންޑާވެސް ނުކުރާ ސަބަބު ސާފުކޮށްދެއްވުމަށް މީކާއީލް އެދިވަޑައިގެންފައިވެއެވެ.
ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމާފައިވީނަމަވެސް، އިޒްރޭލުގެ ފަތުރުވެރިން އަދިވެސް ރާއްޖެއަށް ޒިޔާރަތްކުރަމުންދާކަން މީކާއީލް ފާހަގަކުރެއްވިއެވެ.