މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން މިއަދު ރަސްމީކޮށް ހުވާކުރައްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ހުވާކުރެއްވި ކައުންސިލަރުންނަކީ ފާތިމަތު ޝައުފާ ސަލީމް (ހެންވޭރު ހުޅަނގު ދާއިރާ)، ފާޠިމަތު އިޝާން ޢަލީ (މައްޗަންގޮޅި މެދު ދާއިރާ) އަދި ޢަލީ އައިމަން (ހުޅުމާލެ ދާއިރާ) އެވެ.
މި ތިން ދާއިރާގެ ކުރީގެ ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް ހޮވުމާ ގުޅިގެން، ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ބައި-އިލެކްޝަނުން ބާއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އާދަމް ޝަރީފް ޢުމަރު ފާހަގަކުރެއްވީ ފަހަކަށްއައިސް ބޭއްވުނު ހުރިހާ އިންތިޚާބުތަކެއްވެސް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފައިވާކަމެވެ. އަދި ކައުންސިލްތަކަށް ދޭންޖެހޭ ހުރިހާ ބާރުތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި، ރައްޔިތުންނަށް ދެވޭނެ ހުރިހާ ޚިދުމަތްތަކެއް ދިނުމުގެ ބާރު ކައުންސިލްތަކަށް ދެމުންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ކައުންސިލްތައް ހިންގުމުގެ ޚަރަދު ކުޑަކޮށް، އިތުރު މާލީ މަންފާ ލިބޭނެ ގޮތްތަކަށް ސިޔާސަތުތައް ބައްޓަންކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު މުޙައްމަދު ޒަމީރެވެ.
ކޮމެންޓު ފޮނުވާ