ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ޗައިނާގެ ސިޝުއާން ޕްރޮވިންސްގެ ކަމާބެހޭ އިދާރާތަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ދެ ޑިރެކްޓަރުންނެވެ. އެއީ އަލީ އާމިރު އާއި އަޙްމަދު ޝިފާޢުއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސިޝުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ޗީފް އެގްރޮނޮމިސްޓް ޒޫ ބިން އާއި ސިޝުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސްގެ ޕްރެޒިޑެންޓް މު ޖިންގީއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
1. ރާއްޖޭގައި ފަސޭހައިން ހެއްދޭނެ އައު ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ތަޢާރަފުކުރުން
2. މި އައު ބާވަތްތައް އިންދައި ހެއްދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
3. ދެމެހެއްޓެނިވި ދަނޑުވެރިކަމާ ގުޅޭ ޒަމާނީ ޓެކްނޮލޮޖީތަކާ ބެހޭ ލަފަޔާއި އިރުޝާދު ދިނުން
4. ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ދާއިރާއިން ދިވެހި ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންނަށް ތަމްރީނު ޕްރޮގްރާމްތަކާއި ވަރކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުން
މީގެ އިތުރުން، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުމަށްވެސް މި އެއްބަސްވުމުގައި ހިމެނިފައިވެއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.