100 އަށްވުރެ ގިނަ ވިޔަފާރި ސްޓޯލްތަކާއެކު، މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން އިންތިޒާމްކުރާ މިނިވަން އުފާ ނައިޓް މާރކެޓް ރޭ ހުޅުވައިފިއެވެ.
ހުޅުމާލޭ ރުއްގަޑު ސަރަހައްދު 2 ގައި، މި އޮގަސްޓްމަހުގެ 1 އިން 10 ކުރިޔަށްދާ ނައިޓް މާރކެޓް ރޭ ރަސްމީކޮށް ހުޅުވިގެން ދިޔައީ އެމްޓީއޭގެ ފަރާތުން ބޭއްވި ބޮޑުބެރުގެ ހަރަކާތްތަކާއެކުއެވެ.
އެމްޓީއޭއިން ބުނެފައިވަނީ މިނިވަން އުފާ ނައިޓް މާރކެޓް ކުރިޔަށްދާނީ ކޮންމެ ދުވަހަކުވެ ހަވީރު 4:00 އިން ރޭގަޑު 12:00 އާއި ހަމައަށް ކަމުގައެވެ.
ފަހުގެ ތާރީޚެއްގައި މާލޭ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި ހަރާކާތުގެ ގޮތުގައި ފާހަގަކުރެވޭ މި އިވެންޓުގައި، މާލޭ ސަރަހައްދުގައި އެކި ބާވަތުގެ ވިޔަފާރުކުރާ 100 އަށްވުރެ ގިނަ ވިޔަފާރިވެރިން މި ނައިޓް މާރކެޓް ބައިވެރިވާއިރު، ނައިޓް މާރކެޓްގައި ބައިވެރިވަމުންދަނީ މުޅިންވެސް ދިވެހި ވިޔަފާރިވެރިން ކަމުގައި އެމްޓީއޭގެ ފަރާތުން ބުނެފައި ވެއެއެވެ. އަދި އަދި ނައިޓް މާރކެޓްގައި، އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަންނައުނާ، ބަދިގެ އަދި ގޭތެރޭގެ ސާމާނުގެ އިތުރުން ކެއިންބުއިމުގެ އެކި ބާވަތްތައްވެސް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމުގައިވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ރޭގެ އިވެންޓު ހުޅުއްވައި ދެއްވުމަށް އިގްތިސާދާބެހޭ ވަޒީރު ވަޑައިގެންނެވުމަށް ހަމަޖެހިފައިވި ނަމަވެސް، އެންމެ ފަހުވަގުތު، މާރކެޓް ހުޅުވައިދެއްވުމަށް މިނިސްޓަރ ސައީދު ވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް މި ނައިޓް މާރކެޓް ހުޅުއްވުމުގެ ގޮތުން، މަޝްހޫރު ގުރޫޕް ހޭވައްލާ ބޮޑުބެރު ގުރޫޕުގެ ފޯރިގަދަ ބޮޑުބެރު އިވެންޓެެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އަކީ ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެގޮތުން އެޖަމިއްޔާއިން ވަނީ ފާއިތުވެދިޔަ ތަނުގައި، ވިޔަފާރިވެރިންނަށް ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ދައުލަތުގެ ބައެއް މުވައްސަސާތަކާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ