ކަރަންޓު ޙަރަދުކުރުމަށް މިސްކިތްތަކުގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތް މިހާރު އޮތީ ދިރާސާ މަރުހަލާގައި ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، އެސްއެސްޓީވީން މިރޭ ގެނެސްދިން "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ތާރިޤު ވިދާޅުވީ ރާއްޖޭގައި 600އަށް ވުރެ ގިނަ މިސްތިތް ހުންނައިރު، އޭގެތެރެއިން ސޯލާ ހަރުކުރެވޭނީ ކޮން މިސްކިތަކެއްގައި ތޯ ބެލުމަށް މިހާރު އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ތާރިޤު އިތުރަށް ވިދާޅުވީ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ވާހަކަ ކުރީ ސަރުކާރުން ދެއްކި ނަމަވެސް، އެކަމާ ބެހޭ ރަނގަޅު ދިރާސާއެއް ނިމިދިޔަ ސަރުކާރަށް ހެދިފައިނުވާ ކަމަށެވެ.
މިރޭގެ ބާރު ހަތަރެއް ޕްރޮގްރާމްގެ ވާހަކަދައްކަވުމުން ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ ކަރަންޓު ޚަރަދު ކުޑަރުމަށް މިސްކިތްތަކުގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގައި ވެސް ކުރެވިފައިވާ ކަމަށެވެ.