ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލިސް ގަވާއިދުގައި އެކަށައަޅާފައިވާ ސުލޫކީ މިންގަޑާއި ޚިލާފު ވެއްޖެނަމަ މެންބަރުން ޖަލްސާތަކާއި ކޮމިޓީތަކުންވެސް މެމްބަރުން ސަސްޕެންޑް ކުރެވޭ ގޮތަށް ކަޑައަޅާ، މަޖިލިހުގެ ގަވާއުދު ފާސް ކޮށްފިއެވެ.
މިއަދު ފާސްކުރި ގަވާއިދުގައިވާ ގޮތުން، މަޖިލިސް މެމްބަރުން އެމެމްބަރުންގެ ސުލޫކީ މިންގަޑުތަކާއި ޚިލާފް ވެއްޖެނަމަ، މެންބަރަކު ކުރި އަމަލެއް ކުށްވެރިކޮށް، އެކަމާއި ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވޭނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުމާއެކު، އެ މެންބަރަކު ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކުރާނެއެވެ. އަދި އެ އަމަލު ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން ވެސް ވަނީ އަޅާނެ ފިޔަވަޅުތަކުގެ ގޮތުގައި މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައެވެ.
އޭގެ އިތުރުންވެސް މަޖިލިހުގެ ގަވާއިދުގައި ވާގޮތުން، މެމްބަރުން ސުލޫކީ މިންގަޑާއި ޚިލާފްވެއްޖެނަމަ، ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުމަށްވެސް ވަނީ ހިމަނާފައެވެ. އޭގެ އިތުރުންވެސް، މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުމުންވެސް ވަކި މުއްދަތަކަށް މެމްބަރުން މަހްރޫމްކުރުމުގެ ފުސަތު ވަނީ ލިބިދީފައެވެ.
ހަމަ އެއާއެކު، އަަލަށް ފާސްކުރި މަޖިލިސް ގަވާއިދުގައި ވާގޮތުން، މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެންބަރުންގެ މުސާރައިން އުނިކުރުން ވެސް ވަނީ އެ މެމްބަރަކާމެދު އަޅާނެ ފިޔަވަޅުތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ގަވައިދު ފާސްކުރީ މަޖިލިސް ޖަލްސާއަށް ހާޒިރުވި 64 މެންބަރުންގެ ތާއީދާއި އެކުއެވެ. 9 މެންބަރުން ގަވައިދު ފާސްކުރަން ވޯޓެއް ނުދެއްވައެވެ.
ކޮމެންޓު ފޮނުވާ