ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު 138 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު 138 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ

Author
ޙަސަން މުޙައްމަދު
23 ޖުލައި 2024 11:32
0

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

މި ދެންނެވި 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ބޭފުޅުންނަށް މި އިނާމު ދެއްވާނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި،
ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.