ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ގެންދަން އުޅުނު 38 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ފަރުވާދޭން ފަށާފައިވާކަމަށް ފުލުހުން ބުނެފިައެވެ.
ފުލުހުން ބުނެފައިވަނީ އެމީހާއަކީ ޑްރަގް ކޯޓު އަމުރެއްގެ ދަށުން މާދަމާ އެ ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމުގައެވެ. އެހެންނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ސާފުވެފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ، އެހެންނަމަވެސް އެމީހާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި ގުޅޭ ސީރިއަސް ކޮންބޮޑުވުންތަކެއް ހުރެގެން އެކަމުގެ ޝަކުވާތައް އާއިލާގެ ފަރާތުން ފުލުހުންގެ މުވައްސަސާއަށް ހުށަހަޅާފައިވާ ކަމުގައެވެ.
އަދި އެޝަކުވާތަކާއި ގުޅުންހުރި ކަންކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.